ކުޅިވަރު

ގައުމީޓީމާ ހަވާލުވާން އަފްގާންގެ ކުރީކޯޗް ރާއްޖެއަށް؟!

އަފްޣާނިސްތާންގެ ކުރީގެ ކޯޗް ޕީޓާ ޝެގަޓް މިއަދު ރާއްޖެ އަތުވެއްޖެ އެވެ. އޭނާ ރާއްޖެ އައުމުން އޭނާއަށް މަރުހަބާ ކިޔާފައި ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ އޮފިޝަލުންނެވެ.

އިންޑިއާގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެއާ ދެކޮޅަށް އަފްޣާނިސްތާން ގޮވައިގެން ނިކުމެ ފުރަތަމަ ފަހަރަށް ރާއްޖޭގެ މައްޗަށް އަފްޣާން އަށް މޮޅު ހޯދައިދިން ކޯޗަކީ ކޮރޭޝިއާ އަށް އުފަން ޖަރުމަންގެ ޝެގަޓް އެވެ.

އޭނާ މިއަދު މާލެ އައިރު، އެފްއޭއެމުން ދަނީ، މަގާމު ހުސްވެފައިވާ ރާއްޖޭގެ ސީނިއާ ޓީމުގެ ހެޑް ކޯޗު ކަމަށް ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިން އަވަސް އަށް ދިން އިންޓަވިއުގައި އެފްއޭއެގް ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސުމަށް ފަސް ކޯޗެއްގެ ނަން ޝޯޓް ލިސްޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެލިސްޓްގައި ހިމެނޭ ނަންތަކެއް ސާންތީ ބުނެފައެއް ނުވެ އެވެ.

މިދިޔަ ހަފުތާގައި އަވަސް އާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މި ހަފުތާގައި ގައުމީ ކޯޗުގެ މަގާމަށް ގެންނަ މީހެއްގެ ނަން ފައިނަލު ކުރާނެ ކަމަށެވެ.

ރާއްޖޭގެ ކޯޗު ކަމުގެ މަގާމުގައި އެންމެ ފަހުން ހުރީ އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް އެވެ. އޭނާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަ ވެފައެވެ. އެވެ. އޭނާ އާއެކު ކޮންޓްރެކްޓް އާ ނުކުރަން އެފްއޭއެމުން ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ނިންމާފަ އެވެ.