ހަބަރު

މޯލްޑިވިއަންގެ އުދުހުން ތަކަށް އިތުރު ފްލައިޓެއް ގެނެސްފި

ގައުމީ އެއާލައިންގެ ހިދުމަތް ވަރުގަދަ ކުރުމަށް، އެ ކުންފުނިން އިތުރު މަތިންދާބޯޓެއް މިއަދު ގެނެސްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ޖެއްސި ޕްލޭނާއެކު އެ ކުންފުނީގެ ބޯޓުގެ އަދަދު ވަނީ 10 އަކަށް އިތުރުވެފަ އެވެ. އެކުންފުނީގެ ސީޕްލޭނާއި ބޯޓްތަކާއެކު ޖުމްލަ ޕްލޭން ގެ އަދަދު ވަނީ 23 އަށް އިތުރުވެފަ އެވެ. މިއަދު ގެނައި ބޯޓަކީ ނިއު ޒީލެންޑުން ފުރައިގެން ރާއްޖެއާ ބޯޓެކެވެ.

މޯލްޑިވިއަން އިން ބުނީ، މިއަދު ގެނައި ބޯޓަކީ އާންމުކޮށް ބޭނުން ކުރަމުން އަންނަ ޑޭޝް 8 މަރުކާގެ ބޯޓެއް ކަމަށެވެ. މިއަދު ގެނައި ބޯޓަކީ 50 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ. އަދި މިއަދު ގެނައި ބޯޓު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން ނިންމާފައިވާ ކަމަށާއި އޭގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރު ކުރަން ވެސް ބޭނުން ކުރާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށް ފުޅާދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެގޮތުން ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި އައިލޭން އޭވިއޭޝަނަށް 16 ފްލައިޓް ގެނެސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މިކަމުގެ ސަބަބުން ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރު ތެރޭގައި ވެެސް އައިލޭންޑް އޭވިއޭޝަންގެ ފްލީޓް އެކްސްޕޭންޑް ކުރުމަށް ރޭވިފައިވާ ކަމަށާއި އެގޮތުން އެއާބަސް 330 މަރުކާގެ މަތިންދާ ބޯޓެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި އެ ބޯޓު ބޭރުގެ އުދުހުންތަކުގައު ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، ޗައިނާއަށް އިތުރު ދަތުރު ކުރުމުގައި އެއާކްރާފްޓްގެ ޖާގަ ހޯދުމުގެ މަސައްކަތް ވަނީ ކުރައްވާފަ، އަދި ސައުތު އެފްރިކާއަށާއި އިތުރު ޔޫރަޕްގެ ބައެއް ގައުމުތަކަށް ދަތުރު ކުރަން މިވަނީ ރޭވިފައި، އައިލޭންޑް އޭވިއޭޝަންގެ އެކްޕޭންޝަން ވަރަށް ބޮޑަށް ފުޅާވެގެންދާނެ، އޭގެ ސަބަބުން ޓޫރިޒަމަށް ވަރަށް ބޮޑެތި ކުރިއެރުން ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޕައިލެޓްންގެ ޝޯޓޭޖެއް އުޅޭ ކަމަށާއި ސްކޮލަޝިޕް ސްކީމެއްގެ ދަށުން ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުންނާއި ގްރައުންޑް ސްޓާފުން ތަމްރީނު ކުރަން ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސްކޮޅާޝިޕްގެ ދަށުން ކުދިން ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ވަނީ ޖެނުއަރީ މަހުގައި އެކުންފުނީގެ 13 ވަނަ ސީޕްލޭން ގެނެސްފަ އެވެ. ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ދަނީ އިންޑިޔާ އާއި ޗައިނާ އަދި ތައިލެންޑާއި ބަންގްލަދޭޝްއަށް އުދުހުންތައް ބާއްވަމުންނެވެ.