އެސްޓީއޯ މާލޭ ލީގުގައި ކްލަބް ވެލެންސިއާ 0-2 ބަލިކޮށް މާޒިޔާ މާލޭ ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ. ފުރަތަމަ މެޗުން ގްރީން އަތުން އެއްވަރުވެ ދެވަނަ މެޗުން ނިއު އަތުން ބަލިވި މާޒިޔާ މިއަދު ހޯދި ތިން ޕޮއިންޓާއެކު މިވަނީ ޖުމްލަ ހަތަރު ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތަރުވަނަ މަގާމަށް ޖެހިލާފަ އެވެ. ވެލެންސިއާއަށް ބަލާއިރު ހަވަނަ މަގާމުގައި އެޓީމު އޮތީ ތިން މެޗު ލިބުނު އެއް ޕޮއިންޓާއެކު އެވެ.
މެޗަށް ދެޓީމުން ނެރުނު ފުރަތަމަ އެގާރައަށް ބާލާއިރު މާޒިޔާ ޓީމުން މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުހައްމަދު އިރުފާން (އިރޭ) ނުކުޅެ އެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ އަދި އިރޭ ވެސް ނެތުމާއެކު މާޒިޔާގެ ކެޕްޓަންގެ ދައުރު މެޗުގައި ފުރިހަމަ ކުރީ އިސްމާއިލް އީސަ (މެސީ) އެވެ.
ވެލެންސިއާ ޓީމަށް ބަލާއިރު އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މަންބެޓަލިއޭވް އައިދަރް މެޗު ފެށީ ބެންޗުންނެވެ. އައިދަރްގެ އިތުރުން ވެލެންސިއާ މެދުތެރެއަށް ކުޅޭ އިފާޒްވެސް ފުރަތަމަ އެގާރައިން ނުފެނެ އެވެ. ނަމަވެސް ދެވަނަ ހާފްގެ 58 ވަނަ މިނިޓުގައި އައިދަރް ވަނީ ޝިފާންގެ ބަދަލުގައި ކުޅެން ނިކުމެފަ އެވެ.
މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ ދެވަނަ މިނިޓުގަ އެވެ. ވެލެންސިއާގެ އޭރިއާ ތެރެއިން އީސަ (މެސީ) ފޮނުވާލި ހަމަލާ ޖުން ކޮޗީ ވަނީ ދިފާއުކޮށްފަ އެވެ. އޭގެ ފަހުން ޔަޝްފާދް ހަބީބް (މުލަކޭ) އޭރިއާ ބޭރުން ލިބުނު ބޯޅަ އޭނޭ ފޮނުވާލިހަމަލާ ދިޔައީ ޖުންގެ ގޯލް ކުރިމަތިން ހުރަސް ވެގެންނެވެ.
23 ވަނަ މިނިޓުގައި އަރިމަތިން ނާއިޒް ހަސަން (ދާދު) ހަމަލާއެއް ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.
ވެލެންސިއާގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 26 ވަނަ މިނިޓުގަ އެވެ. ނަމަވެސް ހިލޭ ޖެހުމަކުން ބިދޭސީ ކުޅުންތެރިޔާ ހިރިޝީ ވެލާރީ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. 32 ވަނަ މިނިޓުގައި ދާދުއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ދާދު ފަޔަށް ލައްވާނުވާ ދިޔަ ބޯޅަ ގޯލް ކުރިމައްޗަށް ވެއްޓުނު އިރު ޖަހާނެ ކުޅުންތެރިއެއް ނެތެވެ.
ސާޅީސް އެއްވަނަ މިނިޓުގައި މާޒިޔާއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. އަރިމަތިން އޭރިއާ ތެރެއަށް ނެގި ހުރަސް ލިބުނީ ހުސްކޮށް ހުރި އިމާޒް އަށެވެ. ނަމަވެސް އޭނާ ފޮނުވާލު ހަމަލާގައި ބާރެއް ނެތެވެ. މެޗުގެ 56 ވަނަ މިނިޓުގައި އަރިމަތިން ނެގި ހުރަހަކުން ސްޓްވާޓް ކޮނަލިއަސްއަށް ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް އޭނާ ވާތުފައިން އެއްފަހަރުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މާޒިޔާއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އިސްމާއިލް އީސަ (މެސީ) އެވެ. ފަހަތުން ފާރޫގް މަތިން ކުޅުނު ބޯޅަ ވެލެންސިއާ ޑިފެންޑަރު ބޯމަތިން ވެއްޓުނު ބޯޅަ ހޯދަން ޖުން ކޮޗީ ނިކުން ނަމަވެސް މެސީ ވަނީ އެއްފަހަރުން މަޑުމަޑުން ބޯޅަ ގޯލްގެ ދުރުކަނަށް ފޮނުވާލާފަ އެވެ. މިލަނޑު ފެނިގެންދިޔައީ 63 ވަނަ މިނެޓުގަ އެވެ.
މާޒިޔާ ލީޑު ނެގިތާ މިނިޓެއް ފަހުން ޔަޝްފާދް ހަބީބް (މުލަކޭ) އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 0-2 ބަދަލުކޮށްލި އެވެ. ވެލެންސިއާ ކުޅުންތެރިން ކުޅުން ފަށައިގެން ފަހަތަށް ކުޅުނު ބޯޅަ ހޯދައި ހިފައިގެން ވަދެ ސްޓްވާޓް ގޯލް ކުރިމައްޗަށް ތިރިތިރިން ނެގި ހުރަސް މުލަކޭ ވަނީ ފަސޭހަ ކަމާއެކު ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލާފަ އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހްފޫޒް ބުނީ މިމެޗަށް ނިކުތްއިރ ޕްރެޝާ އޮތް ކަމަށާއި މެޗުން ބޭނުންވި ތިން ޕޮއިންޓް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން މަހްފޫޒް ބުނީ ކުޅުންތެރިންގެ އިތުބާރާއެކު ކުޅުނު ކަމަށާއި ޓީމުގެ ކުޅުން ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ރަނގަޅު ވާނެ ކަމަށެވެ.
ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު ބުނީ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށާއި އޭނާގެ ޓީމުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ނެތް ކަމަށެވެ. މާޒިޔާ އަދި ނިއު ރޭޑިއަންޓް ފަދަ ޓީމުތަކާ ވާދަ ނުކުރެވުނަސް އޭނާގެ ޓީމަށް ވާދަކުރެވޭ ފެންވަރުގެ ޓީމުތަށް އެބަހުރި ކަމަށާއި އެޓީމުތަށް އަތުން ޕޮއިންޓް ހޯދުން މުހިންމު ކަން ސޮބާ ވަނީ ފާހަގަ ކޮށްފަ އެވެ.
ސޮބާ ވަނީ ވެލެންސިއާއަށް ދިމާވެފައިވާ އަނިޔާގެ މައްސަލައަށްވެސް އަލި އަޅުވާލާފަ އެވެ. އޭނާ ބުނީ ޓީމުގެ ފަސް ވަރަކަށް ކުޅުންތެރިން އަނިޔާގައި އެބަތިބިކަމަށާއި މިހެންވުމުން ވަރަށް އުންދަގޫވާ ކަމަށެވެ. ސޮބާ ބުނި ގޮތުގައި އިފްރާޒްގެ އަތަށް ވަނީ އަނިޔާވެފަ އެވެ. މީގެއިތުރުން އަންކޮ އަދި މަންބެޓަލިއޭވް އައިދަރްވެސް މިއަދުގެ މެޗު ކުޅެފައިވަނީ އަނިޔާގައި ހުރެގެންނެވެ.