ހަބަރު

"ގާނޫނު ބަދަލު ކުރަނީ ދެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅެން ނެތިގެން"

Mar 12, 2018
12

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ނިންމީ، 1 ފެބްރުއަރީގެ އަމުރު ނެރެން އިސްކޮށް އުޅުއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ފިޔަވަޅު އެޅޭނެ ތަނެއް މިހާރު އޮތް ގާނޫނުން ނުލިބޭތީ ކަމަށް އެ އިސްލާހު ހުށަހެޅި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއަށާއި އަލީ ހަމީދު ރާއްޖޭގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުކޮށްފައިވާ އިރު، ފަނޑިޔާރުންގެ ގާނޫނަށް އަބްދުއްރަހީމް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ. އަދި އެގޮތަށް ގެއްލޭ އިރު މަޖިލީހަށް ފޮނުވުން ފަދަ އިޖުރާއަަތްތައް ފުރިހަމަ ކުރުމަކާ ނުލާ ވަގުތުން ވަގުތަށް ފަނޑިޔާރުކަން ގެއްލޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ އިސްލާހަށް ބަހުސް ކުރަން މިއަދު މަޖިލީހުގައި ފުރުސަތު ހުޅުވާލުމުން އަބްދުއްރަހީމް ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަނޑިޔާރުންގެ ގާނުނަށް އޭނާ އެ އިސްލާހެއް ހުށަހެޅި އިރު ރާއްޖޭގެ ހާލަތު އޮތް ގޮތާއި މިހާރުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ޝަރުއީ ނިޒާމުގެ ތެރެއިން ބަޣާވާތެއް ގެންނަން މަސައްކަތް ކުރި ކަމަށް ދެ ފަނޑިޔާރުންނަށް ތުހުމަތު ކުރެވުނު ނަމަވެސް އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަަށް މިހާރު އޮތް ގާނޫނުތަކުން ޖާގަ ނުލިބޭ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް އެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.

"މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލުމަށް މަހުޖަނުންނާއި ކުރީގެ ރައީސުންނާއި ގުޅިގެން ޝަރުއީ ދާއިރާގައި ތިބި ބަޔަކު ގެންނަން އުޅުން ބަޣާވާތަކާ ގުޅިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ. "އެއީ ދިވެހި ރައްޔިތުން ވިސްނަން ޖެހޭ ކަންކަން، ނަމަވެސް ޝަރުއީ ނިޒާމުގެ އިސް ފަރާތްތައް ބަޣާވާތް ގެންނަން އުޅުއްވުމުން އަގު ވަނީ ވެއްޓިފައި، ނަމަވެސް އެކަން ނުކުރެވުނީ ދެން ތިބި ފަނޑިޔާރުންގެ ވިސްނުންތެރިކަމާއި ގައުމަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން،"

އަބްދުރަހީމް ވިދާޅުވީ ގާނޫނުތައް ހެދުމާއި އިސްލާހު ކުރުމަކީ މަޖިލީސް މެންބަރުންގެ މައްސޫލިޔަތެއް ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ކަންކަން އަވަހަށް ބަދަލު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރެވޭތީ މިއަދުން މިއަދަށް ކޮމިޓީ މަރުހަލާ ވެސް ނިންމާލައި، ފާސް ކުރަން ޖެހޭ ކަމަށެވެ،

އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ޖޭއެސްސީއިން އެ ފަނޑީޔަރަކު ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ މުސާރަކަނޑާލަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން އިސްތިއުނާފު ކުރުމަށް ހުށަހެޅޭނެ މައްސަލަ ނިމޭތާ 10 ދުވަސް ތެރޭގަ ކަމަށާއި އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާތާ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ. އަދި އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅޭނީ 10 ދުވަސް ތެރޭގަ ކަމަށާއި އެ ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.