ދައުލަތުގެ އާމްދަނީ

މިދިޔަ މަހު އާމްދަނީ ގޮތު 1.3 ބިލިޔަން ރުފިޔާ

Mar 12, 2018

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގަތެވެ.

މިރާއިން ބުނީ މިދިއަ މަހު ޑޮލަރުގެ ގޮތުގައި 54 މިލިއަން އެމެރިކާ ޑޮލަރު ބަލައިގަތް ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށްވުރެ 19.4 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

މީރާއިން ބުނީ އާމްދަނީ އިތުރުވި އެއް ސަބަބަކީ ރާއްޖެއަށް ޓުރިސްޓުން އައި މިންވަރު އިތުރުވުން ކަމަށާއި ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ މިންވަރު ވަނީ 13.6 ޕަސެންޓް އިތުރުވި ކަމަށެވެ.

އާމްދަނީ އިތުރުވުމުގައި ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ބަލަގަނެފައިވާ އަދަދު އިތުރުވުމާއި، 2017 ވަނަ އަހަރު ބަލައިގަނެފައިނުވާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މިއަހަރުގެ ފެބްރުއަރީ މަހު ބަލައިގެންފައިވުން ވެސް ހިމެނެ އެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް މިދިއަ މަހު ހިއްސާކުރީ ޖީއެސްޓީންނެވެ. އެއީ 63.7 ޕަސެންޓެވެ. ދެން ބީޕީޓީއެވެ. އެއީ 9.8 ޕަސެންޓެވެ. ގްރީން ޓެކްސްގެ ގޮތުގައި 77.35 މިލިއަން ރުފިޔާ އެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.61 މިލިއަން ރުފިޔާ އެވެ. އެއާޕޯޓް ސާވިސް ޗާޖްސްގެ ގޮތުގައި 65.58 މިލިއަން ރުފިޔާ އެވެ.