ފިނިޕޭޖް

ދަޔާބޭން، ޑްރާމާ ދޫކޮށްލީތަ؟

ދިވެހިންގެ މެދުގައިވެސް މަގުބޫލު ހިންދީ ކޮމެޑީ ޑްރާމާ ސިލްސިލާއެއް ކަމަށްވާ "ތާރަކް މެހާތާ ކާ އޫލްޓާ ޗަސްމާ" ގެ ލީޑު ބަތަލާ ދިޝާ ވަކަނީ ނުވަތަ ޑްރާމާގައި މަޝްހޫރު ނަމުންނަމަ ދަޔާބޭން އެ ޑްރާމާ ދޫކޮށްލައިފި ކަމަށް އަޑުފެތުރެން ފަށައިފި އެވެ.

ދިޝާ މިވަގުތު ހުރީ ވިހެއުމުން ލިބޭ ޗުއްޓީގަ އެވެ. މިދިޔަ އަހަރު ނޮވެންބަރު 30 ގައި އޭނާއަށް ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ.

އޭނާއަށް ޗުއްޓީ ދީފައިވަނީ މާޗު މަހު ޝޯއަށް އަނބުރާ އަންނަންޖެހޭ ގޮތަށެވެ. ނަމަވެސް ދިޝާ އަދި ވެސް އަނބުރި ޝޯއަށް އައިސްފައި ނުވާކަމަށާއި އޭނާ އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެ ޑްރާމާގެ ޓީމުން ދިޝާ އަނބުރާ ޝޯއަށް އައުމަށް އެދިފައިވެ އެވެ. ނަމަވެސް އޭނާ ޝޯއަށް އަނބުރާ އަންނާނެ ކަމުގެ އިޝާރާތެއް އަދި މިހާތަނަށް ޑްރާމާގެ ޓީމަށް ދީފައި ނުވާ ކަމަށް ވެއެވެ.

"ދިޝާގެ ދަރިފުޅު އަދި ވަރަށް ކުޑަ. އެހެންވީމަ އަހަރުމެންނަށް އިނގޭ މިވަގުތު އޭނައަށް ވަރަށް ދަތިވާނެކަށް ޝޫޓިންއަށް އަންނަން. ދިޝާ ޝޯއަށް އަނބުރާ ގެނައުމަށް ގިނަ މަސައްކަތްތަކެއް އެބަކުރަން. އެކަމަކު އޭނާގެ ފަރާތުން ވަކި ޖަވާބެއް އަދިވެސް ނުލިބޭ." ޑްރާމާގެ ޓީމުން ބުނެފައިވެ އެވެ.

ދިޝާ ދިއުމުން އެ ޝޯ ބަލާ މީހުންގެ އަދަދުވެސް މަދުވަމުން އަންނަ ކަމަށް ޓީއާރުޕީ ރޭޓުތަކުން ދައްކަ އެވެ. ސަބް ޓީވީ އިން މި ޑްރާމާ ގެނެސްދޭތާ މިހާރު 10 އަހަރުވެއްޖެ އެވެ. މިހާތަނަށް މި ޑްރާމާގެ 2000 އަށްވުރެ ގިނަ އެޕިސޯޑު ދައްކާފައިވެ އެވެ. މި ޑްރާމާއަކީ މިހާތަނަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނު ހިންދީ ކޮމެޑީ ޑްރާމާ އެވެ.