ކޯލިޝަނެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަންނަވާ މެންބަރުންނާމެދު ވެސް ގޮތްތަކެއް ނިންމަންޖެހޭ ކަމަށާއި އެކަންކަން އެންޓި ޑިފެކްޝަން ބިލްގައި ހިމެނުމަށް ބައެއް މެންބަރުން ހުށަހަޅުއްވައިފި އެވެ. ކޯލިޝަން ރޫޅިއްޖެނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދުމުގެ ވިސްނުން މެންބަރުން ގެންގުޅުއްވަ އެވެ.
އެންޓި ޑިފެކްޝަން ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ ރާއްޖެއަށް ކޯލިޝަން ގާނޫނެއް ވެސް ވަރަށް މުހިންމު ކަމަށެވެ. އެއީ ރާއްޖޭގައި އިންތިހާބުތަކުގައި ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށްވާތީ ކަމަށެވެ.
އާމިރު މިހެން ވިދާޅުވީ އެންމެ ފަހުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިޝާރަތް ކުރައްވަ އެވެ. އެ އިންތިހާބުގައި ޕީޕީއެމް އާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރީ ކޯލިޝަނެއްގެ ތެރެއިންނެވެ. ދާއިރާތައް ޕާޓީތަކުގެ މެދުގައި ބަހާލި އެވެ. ނަމަވެސް މިހާރު ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަނުން ވަކިވެފަ އެވެ.
އާމިރު ވިދާޅުވީ އެގޮތަށް ކޯލިޝަނުގެ ތެރެއިން ނެރޭ ކެންޑިޑޭޓަށް ވޯޓު ދެނީ ހަމައެކަނި އެ ކެންޑިޑޭޓެއްގެ ޕާޓީގެ މެންބަރުން ނޫން ކަމަށާއި ކޯލިޝަން އެހެން ޕާޓީތަކުގެ މެންބަރުން ވެސް އެ ކެނޑިޑޭޓަކަށް ވޯޓުދޭ ކަމަށެވެ. އެހެންވެ އެ ކެނޑިޑޭޓަކު އެހެން ޕާޓީތަކުގެ މެންބަރުންގެ ވިސްނުމަށް ވެސް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.
ކޯލިޝަން ގާނޫނެއް ހެދުމަށްފަހު އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭނީ އެ ގާނޫނާ ރަށްޓެހިކޮށް ކަމަށް ވެސް އާމިރު ވިދާޅުވި އެވެ. އޭނ އިޝާރަތް ކުރެއްވީ ކޯލިޝަނުން ޕާޓީއެއް ވަކި ވެއްޖެނަމަ އެ ޕާޓީގެ މެންބަރުންގެ ގޮނޑި ވެސް ގެއްލޭ ގޮތް ހެދުމަށެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ ކޯލިޝަން ތެރެއިން ނެރޭ މެންބަރުންނާ ގުޅޭ ގޮތުން އެންޓި ޑިފެކްޝަން ބިލްގައި ވެސް ގޮތްތަކެއް ހިމަނަންޖެހޭ ކަމަށެވެ. އެކަން ކޮމެޓީ މަރުހަލާގައި ކުރުމަށް އޭނާ އެދިވަޑައިގަތެވެ. ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ވެސް އެކަމަށް ތާއީދު ކުރެއްވި އެވެ.
އަބްދުލްރަހީމް ވިދާޅުވީ ކޯލިޝަން ރޫޅިއްޖެނަމަ ކޯލިޝަން ތެރެއިން ހޮވޭ މެންބަރުންނަށް ވާނެ ގޮތްތަކެއް ކޮމެޓީ މަރުހަލާގައި ކަނޑައަޅައި ބިލްގައި އެކަން ހިމަނަން ފެންނަ ކަމަށެވެ.
މިހާރު އެންޓި ޑިފެކްޝަން ބިލް އޮތް ގޮތުން ގޮނޑި ގެއްލޭނީ ވަކި ޕާޓީއަކުން އިންތިހާބުވުމަށްފަހު އެ ޕާޓީއަކުން އެ މެންބަރަކު ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅޭ ހާލަތްތަކުގަ އެކަންޏެވެ. މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވާ މެންބަރަކު ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ނުގެއްލޭނެ އެވެ. ނަމަވެސް އެ ޕާޓީއަކުން ވަކިވެއްޖަނަމަ ގޮނޑި ގެއްލޭނެ ކަމަށް ބިލްގައިވެ އެވެ.