ކުޅިވަރު

އީގަލްސްގެ ގޭމް މޯހަން ރީތި ކޮށްލައިފި

މިދިޔަ ދޭއް ނުވަތަ ތިން ވަރަކަށް އަހަރު ތެރޭގައިވެސް އީގަލްސްއިން ޕާސް ޖަހައިގެން ކުޅެން މަސައްކަތް ކުރެ އެވެ. އީގަލްސްގައި އެކަށް އެކަށައެޅުމަށް އޭރު އީގަލްސްގެ ކޯޗަކަށް އޭރު ހުރި އިހްސާން އަބްދުލް ގަނީ (ސާންތީ) މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ކޮށް ނިންމާލާކަށް ސާންތީއަށް ފުރުސަތު ނުލިބުނެވެ. މިދިޔަ އަހަރު އީގަލްސްއަށް ކުރިމަތިވި ނާކާމިޔާބާއެކު، ސާންތީ އީގަލްސްއާ ދުރައް ޖެހިލި އެވެ. އޭނާ ހަވާލުވީ އެފްއޭއެމްގެ ވަޒީފާ އާއެވެ.

އީގަލްސްގެ މެނޭޖްމެންޓުން އެޓީމުގެ ކޯޗަކަށް، މޯހަން ގެނައީވެސް، ސާންތީ އާއާއެކު ކުރިން މަސައްކަތް ކޮށްފައިވުމުން މޯހަންގެ ކިބައިގައިވެސް އެއްކަހަލަ ފިލޯސަފީއެއް ހުންނާނެކަން ދެނެގެންނެވެ. ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ދިވެހި ގައުމީ ޓީމުން ކާމިޔާބު ކުރިއިރު، އޭރު ގައުމީ ޓީމުގެ ހެޑް ކޯޗު ސޮލަވާކިއާގެ ޖޯސެފް ޔަންކޭޒްގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރީ މޯހަން އާއި ސާންތީ އެވެ.

ސާންތީ ކޮށްފައިވާ މަސައްކަތެއްގެ ތެރެއަށް އީގަލްސްއިން މޯހަން ގެނެސް ލުމުން، އޭގެ ފައިދާ އީގަލްސްއިން ފެނުނެވެ. އީގަލްސްގެ ޕާސިން ގޭމް ވަރަށް ބޮޑަށް ރީތި ވެގެން ދިޔަ އެވެ. މާލޭ ލީގްގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި އީގަލްސްއިން ވަނީ ރީތި ޕާސިން ގޭމެއް ކުޅެފަ އެވެ. ހާއްސަކޮށް ކުލަބު ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްއިން ދެމެހެއްޓި ޕާސިން ގޭމަށް ތައުރީފް ކުރަން ޖެހެ އެވެ.

"އަޅުގަނޑު އީގަލްސްއާ ހަވާލުވިއިރުވެސް ޕާސިން ގޭމެއްގެ ސިފަ އެޓީމުގައި އޮތީ ޖައްސާފަ، ޕްރީ ސީޒަންގައި އަޅުގަނޑު ހިތައް އެރީ އެ ގޭމް (ސްޓައިލް) ފުރިހަމަ ކޮށްލާނަމޭ،" މޯހަން 'އަވަސް' ކިޔައި ދިނެވެ.

"ޕްރީ ސީޒަންގައި އަޅުގަނޑު އެކަމަށް ފޯކަސް ކޮށްގެން މަސައްކަތަކެއް ކުރެވުނީމަ އެ ބަދަލު އެ ފެނިގެން ދިޔައީ، ހަގީގަތުގައި އަޅުގަނޑަށް އެކަން ކުރަން ފަސޭހަ ވީވެސް އީގަލްސްގައި ކުރިން އެ ކަމަށް މަސައްކަތް ކޮށްފައި އޮތީމަ."

ބޯޅައެއް ދިނީމާ، ޕާސް ޖަހަން ތިބުމަކީ ކޮންމެ ބަޔަކަށްވެސް ފަސޭހައިން ކޮށްލާނެ ކަމެކެވެ. ނަމަވެސް ނުކުރެވޭ ކަމަކީ ޕާސް ޖަހައިގެން ނަތީޖާ ނެރުމަށް ފުރުސަތު ތަނަވަސް ކުރުމެވެ. ނުވަތަ ޕާސިން ސްޓައިލްގެ ގޭމެއް ނުކުޅެވުމެވެ.

"ހަގީގަތުގައި ތި ފާހަގަ ކުރީ މި ގޭމްގެ އެންމެ ބޮޑު އެއްކަންތައް، ރިޒަލްޓް އޮރިއެންޓެޑް ގޮތަކަށް އެކަން ނުކުރެވޭތީ، އެކަން ގޭމްގައި ނުކުރެވޭތީ ޕާސިން ގޭމް ކުޅެން ކޯޗުން ބޭނުން ނުވަނީ، އެކަން ނުވީމަ ޖެހެނީ ނަތީޖާ އެންމެ ފަސޭހައި ނެރެވޭނެ ގޮތަކަށް ކުޅެން، އެއީ ޕާސިން ގޭމް ނުކުޅޭ ސަބަބަކީވެސް." ތަޖުރިބާކާރު ކޯޗު ފާހަގަ ކުރި އެވެ.

މޯހަން ބުނީ، އެ ސަބަބުތަކާއެކު، ޕާސިން ގޭމެއް ކުޅެން ކޯޗުންނަށާއި ޓީމުތަކަށް ހިތްވަރެއް ނުލިބޭ ކަމަށެވެ. ނަމަވެސް އޭނާ ހުރީ އީގަލްސްގެ އެގޭމް ބަދަލު ކުރާކަށް ނޫނެވެ.

"މިކަން ކުރެވޭނީވެސް ބުރަ މަސައްކަތުން، މިކަން ދެމެހެއްޓޭނީވެސް ބުރަ މަސައްކަތުން، އަޅުގަނޑުގެ ވިސްނުން ހުރީ އިތުރަށް މަސައްކަތް ކޮށްގެންވެސް މިކަން އީގަލްސްގައި ދެމެހެއްޓުން،" އޭނާ ބުންޏެވެ. "އިރާދަ ކުރެއްވިއްޔާ ވަރަށް މަސައްކަތް ކޮށްފިއްޔާ ރިޒަލް އޮރިއެންޓަޑް އެއްޗަކަށް މިކަން ހެދޭނެ."

އޭނާ ބުނީ އެކަމަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ބޭނުން ވާކަމަށެވެ. މީޑިއާ އާއި ވަކިވަކި ފުޓްބޯޅައިގެ އިންސްޓްޓިޔުޓް ލެވަލްގައި އެއްބާރުލުން ލިބެން ޖެހޭކަން މޯހަން ފާހަގަ ކުރި އެވެ.