ހަބަރު

ވެއްޓުނު ބޯޓުން ދަތުރުކުރި ދިވެއްސަކަށް ފަރުވާދެނީ

ބަންްގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ނޭޕަލަށް ދަތުރުކޮށް އެގައުމުގެ ވެރިރަށް ކަތުމަންޑޫގެ އެއާޕޯޓު ކައިރިއަށް ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި ދިވެއްސަކަށް ނޭޕާލުގައި ފަރުވާދޭން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫއެސް ބަންގްލާ އެއާލައިންސްގެ ބޯޓުން ދަތުރުކުރި މީހާއަށް ކަތުމަންޑޫގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު އެރަށުގައި ހުންނަ ރާއްޖޭގެ ހޮނަރަރީ ކައުންސެލް އާއި ޕާކިސްތާނުގެ ވެރިރަށް އިސްލާމްެއާބާދާއި ބަންގްލަދޭޝްގެ ވެރިރަށއް ޑާކާގައި ހުންނަ ރާއްޖޭގެ މިޝަން ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރާއި ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލެއް އަދި ނޭނގެއެވެ.

ނޭޕާލު އޮފިޝަލުންނާ ހަވާލާދީ ކަތުމަންޑޫޕޯސްޓް ނޫހުން ބުނީ ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޮމްބާޑިއާ ޑޭޝް 8 ކިއު 400 މަރުކާގެ މަތިންދާބޯޓް ކަތުމަންޑޫގެ އެއާޕޯޓުގެ ކައިރީގައިވާ ފުޓުބޯޅަ ދަނޑަކަށް ވެއްޓުނު އިރު ފަޅުވެރިންނާއި އެކު ޖުމްލަ 71 މީހަކު އެއިން ދަތުރުކުރަމުން ދިޔަ ކަަމަށެވެ. އަދި ބުނީ އޭގެ ތެރެއިން މިހައިތަނަށް ހޯދައި ސަލާމަތް ކުރެފައި ވަނީ 25 މީހުން ކަމަށާއި ބާކީ ތިބި މީހުންގެ ތެރެއިން 40 މީހަކު ވަނީ މަރުވެފަ އެވެ. އެހެން މީހުންނަށް ވީ ގޮތެއް އަދި ނޭނގެ އެވެ.

ނޭޕާލު އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނީ މަތިންދާބޯޓް އެސްޓޫ އެޖީޔޫ ކަތުމަންޑޫގެ ޓްރިބުވާން އިންޓަނޭޝަނަލް އެއާޕޯޓް (ޓީއައިއޭޑ) އަށް ޖައްސަން ހުއްދީފައި އޮތީ އެ އެއާޕޯޓުގެ ދެކުނުފަޅިން ކަމަށެވެ.ނަމަވެސް ބޯޓު ޖައްސަން މަސައްކަތް ކުރީ އުތުރުފަޅިން ކަމަށާއި އެއީ ޓެކްނިކަލް މައްސަލައެއް ކަަމަށް ވެދާނެ ކަމަށް ވެސް ބުންޏެވެ. ނޭޕާލުގެ އިދާރާތަކުން އެމައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

" އާދަޔާ ހިލާފު ގޮތަކަށް ޖައްސަން މިި އުޅުނު އުޅުން އަހަރެމެން އަދި ޖެހޭަނީ ބަލަން،" ނޭޕާލުގެ ސވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ސަންޖީވް ގޯތަމް ވިދާޅުވި ކަަމަށް ނޫހުގައި ވެއެވެ.

މަތިންދާބޯޓް ވެއްޓި އޭގައި ރޯވި އަލިފާން ނިއްވައިލުމަށް ފަހު މީހުން ހޯދައި ސަލާމަތްކުރުމުގެ މަސަައްކަތް މިހާރުވެސް އަންންނީ ކުރަމުންނެވެ.