ގޮނޑިއާމެދު ބޮޑު ބަހުސެއް ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމެޓީން ބިލް ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހިނގި ކަންކަމަށް ބިލްގެ ބާރު ހިނގާ ގޮތަށް ކަމަށެވެ.
މިރޭ ކުރިއަށްދިޔަ އެ ކޮމެޓީގެ ބައްދަލުވުމުގައި ބިލަށް އިސްލާހުތަކެއް ގެނެސް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އަދި އޭގެ ރިޕޯޓް މަޖިލީހުން އާންމުކޮށްފައެއް ނުވެ އެވެ.
ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހެވެ. އެ ހުކުމަށް ރިޔާއަތްކޮށް 12 މެންބަރެއްގެ ގޮނޑި އިލެކްޝަން ކޮމިޝަނުން ގެއްލުވާލި އެވެ. ނަމަވެސް ގޮނޑީގެ މައްސަލާގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެކެއް ފެބުރުއަރީގައި ނިންމެވި އެވެ. ނަމަވެސް އެ އަމުރާމެދު ހިތްހަމަ ނުޖެހިގެން އޭޖީ ވަނީ ދުސްތޫރީ މައްސަލައެއް ވައްދާފަ އެވެ. އެ މައްސަލާގައި ގޮތެއް ނިންމެންދެން މެންބަރުން މަޖިލީހަށް ނުވައްދަން ވަގުތީ އަމުރެއް އޭގެ ފަހުން ވަނީ ނެރެފަ އެވެ. އެ އަމުރު ނެރުއްވީ ތިން ފަނޑިޔާރުންނެވެ.
ގޮނޑިއާމެދު ބަހުސް ބޮޑުވެފައިވާ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
އިލެކްޝަން ކޮމިޝަނުން އަމީތާއި ވަހީދާއި ސައުދު އަދި ލަތީފްގެ ގޮނޑި ގެއްލުވާލި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ މައްސަލާގައި ދިގު އަޑުއެހުންތަކަކަށްފަހު، ސުޕްރީމް ކޯޓުން ވަނީ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭނެ އިތުރު ކަމެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފަ އެވެ.
އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ. އެ ބިލުގައިވާ ގޮތުން އެ ތިން ހާލަތުގައި ގޮނޑި ގެއްލުނު ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު އަލަށް ޕާޓީއަކާ ގުޅިވަޑައިގަތް ނަމަވެސް ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އެ މެންބަރު ޕާޓީއަކާ ގުޅިވަޑައިގަތުމަށް ފަހު ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނާ ތިން ހާލަތު އެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށް އެންޓި ޑިފެކްޝަން ބިލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށާއި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅި ނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އެއީ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ އެވެ.
އެ ބިލަށް ތަޅުމުގައި ބަހުސް ކުރެއްވި ޕީޕީއެމްގެ ގިނަ މެންބަރުން ވަނީ އެންޓި ޑިފެކްޝަން ބިލާމެދު އެ މެންބަރުންގެ ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ގިނަ މެންބަރުންގެ ކަންބޮޑުވުމަކަށްވީ އެ ބިލު ގާނޫނަކަށް ވުމަށް ފަހު ހަދަން ޖެހޭ ގަވައިދުތައް ހަދަން އިލެކްޝަން ކޮމިޝަންއާ ހަވާލުކޮށްފައި އޮތް މާއްދާއަށެވެ. އެގޮތުން ރައްޔިތުން ހޮވާފައި ތިބި މެންބަރުންތަކެއްގެ ގޮނޑިއާ މެދު ވާހަކަދެއްކުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާނެ ކަމަށް އެ މެންބަރުން ފާހަގަ ކުރެ އެވެ. ނަމަވެސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވަނީ އެ މާއްދާ އުވާލަން ހުށަހަޅައިފަ އެވެ.