ހަބަރު

ސަރުކާރުން "ފާސްޓް ފޯވާޑް" އިދިކޮޅުން "ސްޓޮޕް"

ސަރުކާރަށް ތާއީދުކުރާ މީހުންނާއި ސަރުކާރާ އިދިކޮޅު މީހުންގެ މެދު ޓްވިޓާގެ ތެރޭގަ އާ "ހަނގުރާމައެއް" ފަށައިފި އެވެ. މި ހަނގުރާމާގައި އިދިކޮޅުން ބުނަނީ "ހުއްޓުވާ" އެވެ. ސަރުކާރުން ބުނަނީ "ކުރިއަށެ" ވެ.

މިކަން ތައާރަފުކޮށް ފެށީ އިދިކޮޅު ފަރާތްތަކުންނެވެ. އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުންގެ ޓްވިޓާ އެކައުންޓްގެ ޕްރޮފައިލް ފޮޓޯއަށް "ސްޓޮޕް" ނިޝާނެއް ލައި "ހުއްޓުވާ" ގެ ނަމުގައި ކެމްޕޭނެއް އިއްޔެ ފުޅާ ގޮތެއްގައި ފެށި އެވެ. އިދިކޮޅު ގިނަ ބައެއްގެ ޓްވިޓާގެ ޕްރޮފައިލް ފޮޓޯއަކީ މިހާރު އެއީ އެވެ.

އެމީހުން ބުނާ ގޮތުގައި ދިވެހި ދައުލަތް ހަރާބުކުރުން ވަނީ ހުއްޓުވަން ޖެހިފަ އެވެ. އެއާއެކު ރައީސް އަބްދުﷲ ޔާމީން ހުއްޓުވައި އެމަނިކުފާނުގެ އަމަލުފުޅުތައް ވެސް ހުއްޓުވަން ޖެހިފައިވާ ކަމަށް ބުނެ އެވެ.

"ހުއްޓުވާ" މި ކެމްޕޭނަކީ އަންނަ ހުކުރު ދުވަހު އިދިކޮޅު ޕާޓީތަކުން ބާއްވާ ބޮޑު އިހުތިޖާޖަށްވާ ތައްޔާރީތަކުގެ ބައެއް ކަމަށް ބެލެވެ އެވެ. "ހުއްޓުވާ" ގިނަވުމާއެކު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ވެސް މަޑު ނުތިބެވުނެވެ. އެމީހުން ލީ ފާސްޓްފޯވަޑަށެވެ. އެ މީހުންގެ ޝިއާރަކަށްވީ "ފާސްޓްފޯވާޑް ވިތް ނޭޝަން" އެވެ، އެ ހޭޝްޓެގް އުފައްދާާ ތައާރަފު ކުރީ ކުރީގެ ކުރެހުންތެރިޔާ ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

އެ ހޭޝްޓެގާއި "ކުރިއަށް ދިވެހި ގައުމު" ކަމަށް ބުނެ "ފޯވާޑް" ނިޝާންގެ ފޮޓޯއެއް ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން އެމީހުންގެ ޓްވިޓާ އެކައުންޓްތަކުގެ ޕްރޮފައިލް ފޮޓޯއަށް ވަނީ ލާފައެވެ.

ޓްވިޓާ ތެރޭގައި އިދިކޮޅާއި ސަރުކާރުގެ ކޮޅުގެ "ހަނގުރާމައަކަށް" ނުހަދާ އެއްވެސް ކަމެއް ފަހަކަށް އައިސް ނުހިނގަ އެވެ. ކޮންމެ ކަމެއްގައި ވެސް ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު "ހުއްޓުވާ" އާއި "ކުރިއަށް ދިވެހި ގައުމު" ގެ ތެރެއިން ކުރި ހޯދާނީ ކޮން ކަމެއްތޯ ބަލަން ތިބެމާ ހެއްޔެވެ؟