12 މެންބަރުންގެ މައްސަލަ

12 މެންބަރުންނަށް "ތަބަކަށްލާފައި" ޓިކެޓް ދޭތީ ރުޅިގަދަވެ، ފާޑުކިޔަނީ

"ޑިމޮކްރަސީގެ އުސޫލުތަކާ އެއްކޮށް ހިލާފު ނިންމުމެއް، ސިޔާސީ މީހެއް ވިއްޔާ ވޯޓަށް ޖެހިލުންވެގެން ނުވާނެ،" ގޮނޑި ގެއްލުނު 12 މެންބަރުންނަށް ޕްރައިމަރީއަކާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުދޭން އެއްބަސްވެފައި ވާތީ، ސޯޝަލް މީޑިއާގައި އާންމު މީހަކު އޭނާގެ ޝުއޫރު ބަންޑުންކުރި އެވެ. އެހެން މީހަކު ބުނީ "ރައްޔިތުންނާ ގުޅޭ ނޫނީ ދާއިރާއާ ގުޅޭ ނިންމުންތައް ކޯލިޝަން ޕާޓްނަރުން ތުންގުޅުވާލައިގެން ތިބެ ނުނިންމޭނެ" ކަމަށެވެ.

މި ބަހުސެއް ސޯޝަލް މީޑިއާގައި ހޫނުވީ އިލެކްޝަން ކޮމިޝަން، އީސީއިން ގޮނޑި ގެއްލުވާލުމާއެކު މައްސަލަ ބޮޑުވި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް އެ މެންބަރުން މިހާރު ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާތަކުގެ ޓިކެޓް އެއްވެސް ޕްރައިމަރީއަކާ ނުލާ ކޯލިޝަނުން ދޭން ނިންމާފައިވާކަން ހާމަކުރުމާއެކު އެވެ.

މިއަދު އެ 12 މެންބަރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޕްރައިމަރީއަކާ ނުލާ 12 މެންބަރުންނަށް ޓިކެޓް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވި ކަމަަށް އެ ބައްދަލުވުމުގައި ތިއްބެވި، ބައެއް މެންބަރުން ވިދާޅުވި އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެކަމުގެ މަޝްވަރާ އެ ބައްދަލުވުމުގައި ނުކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓްވީޓެއް ކުރެއްވި އެވެ. ވިދާޅުވީ 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ މީގެކުރިން ކޯލިޝަން ޕާޓްނަރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން ޕާޓީތަކުގެ އެކްޓިވިސްޓުންނާއި ބައެއް އާންމުންގެ މެދުގައި ސޯޝަލް މީޑިއާގައި ވަނީ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ރައީސް މައުމޫނަށާއި އިދިކޮޅު އެހެން ލީޑަރުންނަށް އިދިކޮޅު ކޯލިޝަނަށް ސަޕޯޓްކުރާ ފަރާތްތަކުން ވެސް ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުން އެވެ. ހާއްސަކޮށް މިކަމުގައި އެންމެ ބޮޑަށް ރުޅި ގަދަވެފައިވަނީ އެމްޑީޕީގެ އާންމު މެންބަރުންނެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ލޫކަސް ޖަލީލު ބުނީ މި ބަދަލު ގެންނަން އެންމެ ބޮޑު ގުރުބާނީއެއްވީ ދިވެހި ރައްޔިތުން ކަމަށާއި ރައްޔިތުންގެ ވޯޓު ދީގެން ދެކުނު ހުވަފެނަކީ ޑިމޮކްރަޓިކް ހަމަތަކުން ހިންގާ ގައުމެއްގެ ހުވަފެން ކަމަށެވެ. އެ އުއްމީދާ ދެކޮޅު ނިންމުންތަކާ ދެކޮޅު ހަދާނެ ކަމަށާއި މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވަންޖެހޭނީ ރައްޔިތުންގެ ޕްރައިމަރީތަކުން ވޯޓުން ކަމަށް އޭނާ ދެކެ އެވެ. އޭނާ ވަނީ އެކަމާ ދެކޮޅަށް އިހްތިޖާޖުކުރުމަށް ވެސް ގޮވާލާފަ އެވެ.

އިސްލާމިކް ޔުނިވަސިޓީގެ ލެކްޗަރާއެއްކަމަށްވާ، އަލާ ދީދީގެ ޓްވިޓާގައި ބުނީ ރައްޔިތުން ތަމްސީލްކުރާނެ ބައެއް އިހްތިޔާރުކުރުމުގެ ފުރިހަމަ މިނިވަންކަން އެއްވެސް މަޖުބޫރު ކަމެއް ނެތި ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށެވެ. ރޭޑިއޯ ހޯސްޓެއް ކަމަށްވާ އަދި އެކްޓިވިސްޓެއް ކަމަށްވާ އައިޝަތު އާނިޔާ ބުނީ ރައްޔިތުންނާ ގުޅޭ ކަންކަން ހަތަރު ލީޑަރުން ވެގެން ނިންމާފައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ހޮޅުއަށި ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެމްޑީޕީގެ ޔޫތް ވިންގް ރައީސް މީކައިލް ނަސީމް ބުނީ، އެ ނިންމުމަކީ އޭނާ ވޯޓު ދިން ޑިމޮކްރަސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އެ ނިންމުން ބަދަލުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ސިޔާސީ މީހުން ރައްޔިތުންގެ ވޯޓެއް ދެކެ ޖެހިލުންވެގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ގާނޫނީ ވަކީލް މޫސާ ސިރާޖު ބުނި ގޮތުގައި އެ 12 މެންބަރުންނަކީ ރައްޔިތުންގެ އަނގައިގައި އަތް އެޅުމަށާއި އެއްވެ އުޅުމުގެ މިނިވަންކަން ނަގާލަންށާއި ގައުމު ފުނޑާލަން ރައީސް އަބްދުﷲ ޔާމީންއަށް އެހީވާން ގާނޫނު ފާސްކުރަން ވޯޓު ދެއްވި މެންބަރުންތަކެކެވެ. ތަބަކަށްލާފައި އެ މެންބަރުންނަށް ޓިކެޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެ 12 މެންބަރުންގެ ތެރެއިން މެންބަރަކު ވިދާޅުވި ގޮތުގައި އެ މެންބަރުންނަށް ޓިކެޓް ދޭން ޖެހެނީ އެ މެންބަރުންވީ ގުރުބާނީގެ ބޮޑު ކަމުންނެވެ. ރައީސް ޔާމީންގެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބެފައި އެމަނިކުފާނާ ދެކޮޅަށް ނުކުތުމާއެކު ގޮނޑި ގެއްލުވާލައި އެތައް އަނިޔާތަކެއް ދީފައިވާކަން އެ މެންބަރު ފާހަގަކުރެއްވި އެވެ. ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބަވައި އެ މެންބަރުން ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ހިސާބުންނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ 12 މެންބަރުން ވެސް ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ތާއިދު ކުރައްވައި ކެމްޕެއިން ކުރައްވާފަ އެވެ.

އެކަމަށް ވެސް ބައެއް މީހުން ވަނީ ފާޑުކިޔާފަ އެވެ. އެގޮތުން ޓްވިޓާގައި ރައީސް މައުމޫންގެ ސިޔާސީ ހަރަކާތް، އެމްއާރުއެމްގެ އެކްޓިވިސްޓެއް ކަމަށްވާ، "ރަހޫ" ބުނެފައިވަނީ 12 މެންބަރުންގެ ތެރެއިން އޭގެ ތެރެއިން ބައެއް މެންބަރުންވީ ގުރުބާނީއަށްވުރެ ރައްޔިތުންނަށް ދިން ގެއްލުން ބޮޑު ކަމަށެވެ. ރައްޔިތުންނަށް ގެއްލުންވާ އެތައް ގާނޫނެއް އެ މެންބަރުންގެ ވޯޓާއެކު ފާސްކޮށް ރައްޔިތުންނަށް ގެއްލުންދީފައިވާ ކަމަށެވެ.

ލޫކަސް ބުނި ގޮތުގައި ގުރުބާނީއަށް ޓިކެޓް ދޭނަމަ އެންމެ ފުރަތަމަ ޓިކެޓް ދޭން ޖެހޭނީ މިހާރު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ކަމަށެވެ. އެ މެންބަރުން އިސްލާހީ މަސައްކަތުގައި އުޅުއްވާތާ ފަސް އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއިން ނިންމާފައިވަނީ އެ މެންބަރުންނަށް ޓިކެޓް ދޭ ގޮތަކަށް ނޫނެވެ. އެ މެންބަރުން ވެސް ޓިކެޓް ހޯދަން ޖެހޭނީ އެތެރޭގެ ޕްރައިމަރީގައި ވާދަކޮށްގެންނެވެ. ޑިމޮކްރަޓިކް ހަމައަކީ އެއީކަމަށް ލޫކަސް ބުންޏެވެ.

މި ނިންމުމާ ގުޅިގެން އާންމުންގެ ނުތަނަވަސްކަން އިތުރުވެފައިވާއިރު ލީޑަރުންގެ މި ނިންމުމާ މެދު އަލުން މަޝްވަރާކޮށް ނިންމުން ބަދަލުކުރުމަށް ގޮވާލާ ގޮވާލުން މިވަނީ އަޑުގަދަވެފަ އެވެ.