12 މެންބަރުންގެ މައްސަލަ

12 މެންބަރުންނަށް ޓިކެޓް ދޭން ވަނީ އެއްބަސްވެފަ: މައުމޫން

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުވާލި 12 މެންބަރުންނަށް ކޯލިޝަންގެ ޓިކެޓް ދިނުމަށް ކުރިން ވެސް ވަނީ އެއްބަސްވެފައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު 12 މެންބަރުންނާ ބައްދަލު ކުރައްވާފައިވާއިރު ޕްރައިމެރީއަކާ ނުލާ ޓިކެޓް އެ މެންބަރުންނަށް ދިނުމާ ގުޅޭ މަޝްވަރާތައް ކުރި ކަމަށްވެ އެވެ.

އެ ބައްދަލުވުމުގެ އިރުކޮޅެއް ފަހުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ 12 މެންބަރުންނަށް އެއްވެސް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަށް ކޯލިޝަން ޕާޓްނަރުން މީގެކުރިން އެއްބެސްވެފައިވާ ކަމަށެވެ.

ރައީސް މައުމޫން އެހެން ވިދާޅުވިއިރު އެމްޑީޕީގެ ބައެއް އާންމު މެންބަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އެއީ ޑިމޮކްރަސީގެ އުސޫލާ ހިލާފު ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބަވައި އެ މެންބަރުން ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ހިސާބުންނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ 12 މެންބަރުން ވެސް ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ތާއިދު ކުރައްވައި ކެމްޕެއިން ކުރައްވާފަ އެވެ.