ޕްރައިމަރީއަކާ ނުލާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް ޓިކެޓް ދޭން އިދިކޮޅު ކޯލިޝަނުން ނިންމާފައިވާތީ ފާޑުކިޔުން އިންތިހާއަށް އަމާޒުވުމާއެކު އޭގެ ތެރެއިން އެއް މެންބަރު ކަމަށްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
އިއްޔެ އެ 12 މެންބަރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޕްރައިމަރީއަކާ ނުލާ 12 މެންބަރުންނަށް ޓިކެޓް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވި ކަމަަށް އެ ބައްދަލުވުމުގައި ތިއްބެވި، ބައެއް މެންބަރުން ވިދާޅުވި އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެކަމުގެ މަޝްވަރާ އެ ބައްދަލުވުމުގައި ނުކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓްވީޓެއް ކުރެއްވި އެވެ. ވިދާޅުވީ 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ މީގެކުރިން ކޯލިޝަން ޕާޓްނަރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެއާއެކު، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް 12 މެންބަރުންނަށް ފާޑުކިޔުން އަމާޒުވި އެވެ. އެ މެންބަރުން އުޅުއްވަނީ ޕްރައިމަރީ ނޫނީ ވޯޓު ދެކެ ބިރުން ކަމަށާއި "ތަބަކަށްލާފައި" ޓިކެޓް ދިނުމަކީ ޑިމޮކްރަސީއާ ހިލާފު ކަމެއް ކަމަށް މީހުން ދަނީ ބުނަމުންނެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން މިހާތަނަށް ރައްދު ދެއްވާފައިވަނީ މުސްތަފާ އެކަންޏެވެ. އޭނާ ވިދާޅުވީ ތިމަރަފުށީ މުސްތަފާއަކީ ޕްރައިމަރީއަކީ ބިރު ގަންނާނެ މީހެއް ނޫން ކަމަށެވެ. އޭނާއަކީ 2009 ވަނަ އަހަރުގެ ފަހުން އެންމެ ގިނައިން މަޖިލިސް އިންތިހާބުގައި ވާދަކޮށްފައިހުރި ފަރާތް ކަމަށާއި ކޮންމެ ދައުރެއްގައި ގޮނޑި ގެއްލޭ ވެސް ފަރާތް ކަމަށެވެ.
"ރައްޔިތުންގެ ވޯޓަށް އަބަދުވެސް މަރުހަބާ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ، "ނުކުންނާނީ އެމްޑީޕީއިން ކަމަށާއި އުފަންވީ ވެސް އެމްޑީޕީއަށް" ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ވިދާޅުވެއް ނުވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭނާ އެމްޑީޕީއަށް ގުޅުމުގެ ޝައުގުވެރިކަން އެ ވަނީ ފާޅުކުރައްވާފަ އެވެ.
އެމްޑީޕީއިން ނިންމާފައިވަނީ އެ ޕާޓީއިން ކޮންމެ ޓިކެޓެއް ވެސް ޕްރައިމަރީއެއް ބޭއްވުމަށްފަހު ދިނުމަށެވެ. ވަރަށް ގިނަ ފަރާތްތަކުން ދަނީ އެމްޑީޕީގެ ޕްރައިމަރީތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. ރައީސް ނަޝީދު ވެސް މިއަދު ވިދާޅުވީ ޑިމޮކްރަޓިކް އުސޫލުތަކާ އެންމެ ރަށްޓެހި ގޮތަކީ ޕްރައިމަރީއަކަށްފަހު ޓިކެޓް ދިނުން ކަމަށެވެ.