ދިޔާނާ ސައީދު

ރައީސްގެ ގަރާރު ހުއްދަވާނީ މަޖިލީހުން ފާސްކުރުމުން: ދިޔާނާ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފުޅާކޮށް ބޮޑުކޮށްފަައިވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހުރިހާ ހަރަކާތްތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކަށް އަންގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ނެރުއްވި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރަން ޖެހޭނެ ކަމަށް ދައުލަަތުގެ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ގަރާރާ ގުޅޭގޮތުން ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރަކީ ގާނޫނުގެ ބާރު އޮންނަ އެއްޗެއް ކަމަށާ އެހެން ކަމުން އެ ގަރާރު ހުއްދަކުރާ ގާނޫނީ މަސްދަރެއް އޮންނަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ގާނޫނީ ނިޒާމް އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ހުއްދަކުރާ ތިން މަސްދަރެއް އޮންނަ ކަމަށާ އެއީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ އ އާއި 115 ވަނަ މާއްދާގެ ވ އަދި 115 ވަނަ މާއްދާގެ ގ ކަމަށް އެކަމަނާ ވިދާޅުވެއެވެ.

"މީގެ މަތްލަބަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނެރެވޭނީ ތިން ހާލެއްގައިކަން. އެއީ ހަނގުރާމައާ ސުލްހަ އިއުލާނު ކުރައްވަން ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވަން ނޫނީ ރިޔާސީ ކޮމިޝަނެއް އުފައްދަވަން،" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނާ އެއްފަދަ އެއްޗެއް ކަމަށާ ގާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ހާއްސަަ ވެފައި އޮންނަ ކަމަކަށް ވާތީ މަޖިލީސްގެ ދައުރެއް އެފަދަ ގަރާރެއްގައި ނޯންނަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ނުނެރެވޭނެކަން ވަރަށް ސާފު ކަމަށެވެ.

ރައީސްގެ ގަރާރަކީ ގާނޫނާ އެއްފަދަ އެއްޗަކަށް ވީހިނދު ގާނޫނު ހެދުމުގެ ބާރަކީ މަޖިލީހަށް ހާއްސަވެފައި އޮންނަ ކަމަށްވާތީ މަޖިލީސްގެ ދައުރެއް އޭގައި [ރައީސްގެ ގަރާރު] ނޯންނާނެ ގޮތަކަށް ރައީސްގެ ގަރާރު ނުނެރެވޭނެކަން ސާފު
ފާތިމަތު ދިޔާނާ ސައީދު | ކުރީގެ ބަންޑާރަ ނާއިބް

ސާކްގެ ސެކްރެކްޓަރީ ޖެނެރަލްވެސް ކުރީން ކުރައްވާފައިވާ ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނެރެވޭ ހާލަތްތައް ކަމަށްވާ ހަނގުރާމައާ ސުލްހަ އިއުލާނު ކުރައްވަން ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވަން ކަމަށް ވީނަމަވެސް އެ ދެ ހާލަތުގައިވެސް އެފަދަ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ކަަމަށެވެ. އަދި ގަރާރު ހުއްދަވާ ތިންވަނަ ހާލަތު ކަމަށްވާ ރިޔާސީ ކޮމިޝަނެއް އުފެއްދެވުމަށް ގަރާރު ނެރުއްވަނީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ކަމަށްވާތީ އެކަމުގައި މަޖިލީހުގެ ދައުރު އޮންނަނީ ޝާމިލްވެފައި ކަމަށެވެ.

"އިސްވެ ބަޔާންކުރި ނުކުތާތައް އެހެން ހުރުމުން ރައީސްގެ ގަރާރު ހުއްދަކުރާ ސާފު ގާނޫނީ މަސްދަރެއް އޮންނަން ޖެހޭ ކަމާއި އެެ ގަރާރު އޮންނަން ޖެހޭނީ އެ މަސްދަރުން ކަނޑައަޅާ ހުދޫދެއްގެ ތެރޭގައި ކަމާއި އަދި އެ ގަރާރު އެއީ މަޖިލީސް އިން ފާސްވާން ޖެހޭ އެއްޗެއްކަން ސާފުވޭ،" ރައީސްގެ ގަރާރާމެދު ދިޔާނާގެ ހިޔާލު ހިއްސާ ކުރައްވާ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި އިއްޔެ ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ.

މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ނަގައިލައި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި އަދި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ފާހަގަކުރެއްވޭ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.

އަދި މި ކެމްޕޭނު ނުހުއްޓެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެ ކަމަށް މި ގަރާރުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

"ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއްކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނުފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވޭ،" ރައީސް ނެރުއްވާފައިވާ ރިޔާސީ ގަރާރުގައި ބަޔާންކުރައްވާފައިވެ އެވެ.

އެހެންކަމުން މިފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް ރައީސްގެ ގަރާރުގައި ވަނީ އަންގަވައިފަ އެވެ.