ޑރ. މުހައްމަދު ޖަމީލް އަހުމަދު

ބަޔާނުން އެނގުނީ ސަރުކާރާ ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު: ޖަމީލް

ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވި ބަޔާނުން އެނގުނީ ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު ކަމަށް ކުރީގެ ނާއިބު ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާނަށް ރައްދު ދެއްވާ ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު ކަަމަށެވެ. އަދި އެ ބަޔާނުން ހާމަވީ ވައުދެއް ފުއްދުމުގެ ވިސްނުމެއް އެމަނިކުފާނުގެ ނެތް ކަމެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ މި ސަރުކާރާއެކު ކޮރަޕްޝަންގެ އަމަލުތައް އިތުރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ބައިތިއްބާފައިވާ ކަމަށެވެ. ދީނާ ދެކޮޅު މީހުންގެ ފިކުރު ސަރުކާރުން ހިމާޔަތް ކުރާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

ރައީސް ސޯލިހް އިސް ލީޑަރުކަން ކުރައްވާ އެމްޑީޕީއަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ އެމްޑީޕީއަކީ ވާނުވާ ނޭނގޭ ފިކުރެއް ކަމަށެވެ.

ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު. ހާމަވެގެން ދިޔައީ އަދިވެސް ވައުދެއް ފުއްދުމުގެ ވިސްނުމެއް ނެތްކަން. ކޮރަޕްޝަން އިތުރުވީ. ބޭރު ސިފައިން ބައިތިއްބައިފި. ހިމާޔަތް ކުރަނީ ދީނާ ދެކޮޅު ފިކުރު. އެމްޑީޕީ އަކީ މިއީ. ތަންދޮރުނުދަންނަ ވާނުވާ ނޭނގޭ ފިކުރު
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

ފަންސާސް ހަ މިނެޓަށް ދިގު ދެމިގެންދިޔަ ރިޔާސީ ބަޔާން ރައީސް އިއްވަވަމުން ގެންދެވިއިރު އެމްޑީޕީގެ މެންބަރުން ގެންދެވީ ދޭތެރެ ދޭތެރެއިން އަތް ޖައްސަވަމުންނެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގެންދެވީ ވަރަށް ބާރަށް އަތްޖައްސަވާ ރައީސަށް ތަައުރީފު ކުރައްވަމުންނެވެ.

4،434 ލަފްޒު ހިމެނޭ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ވަރަށް ގިނަ ކަންކަން އިއުލާނު ކުރައްވާފައެވެ. ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒިފުންގެ މުސާރަ ބޮޑު ކުރަން ނިންމެވި ކަމަށާ މާލެ މީހުންނަށް 5،000 ގޯތި ދެއްވަން ނިންމެވިކަން އިއުލާނު ކުރެއްވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރެއްވުމަށް ނިންމެވިކަންވެސް އިއުލާނު ކުރެއްވިއެވެ. އަދި ސްޓޫޑެންޓް ލޯނަށް ހޯމަ ދުވަހު ހުޅުވާލަން ނިންމެވި ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވެވި ޖަލްސާއަށް އިދިކޮޅުގެ 8 މެންބަރުން ވަޑައިގެންފައެއް ނުވެއެވެ. އެ ޖަލްސާ ބޮއިކޮޓް ކުރައްވާކަން ރޭ އެ މެންބަރުން ވަނީ އިއުލާނު ކުރައްވާފައެވެ.