ހަބަރު

ފާޑުކިޔުންތަކަށް މައުމޫން: "ހިޔާލުތަކަށް ޝުކުރިއްޔާ، ތިއީ ޑިމޮކްރަސީ"

އިލެކްޝަން ކޮމިޝަން، އީސީއިން ގޮނޑި ގެއްލުވާލުމާއެކު މައްސަލަ ބޮޑުވި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް އެ މެންބަރުން މިހާރު ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާތަކުގެ ޓިކެޓް އެއްވެސް ޕްރައިމަރީއަކާ ނުލާ ކޯލިޝަނުން ދޭން ނިންމާފައިވާކަން ހާމަކުރުމާއެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓްވީޓެއް ކުރައްވައިފި އެވެ.

އެ ފާޑުކިޔުންތަކަށް އިހްތިރާމް ކުރައްވައި، ރައީސް މައުމޫން މިއަދު ވިދާޅުވީ އެ ނިންމުމަށް ތާއިދުކޮށް އަދި ދެކޮޅު ހަދާ ވާހަކަ ދެއްކި މީހުންނަށް ވެސް ޝުކުރު އަދާކޮށް މަރުހަބާ ދަންނަވާ ކަމަށެވެ.

"އެންމެންނަށް ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވޭ، އެކަމުގައި އެއްވެސް ބިރެއް އޮވެގެން ނުވާނެ، ޑިމޮކްރަސީއަކީ މިއީ،" ރައީސް މައުމޫން ވިދާޅުވި އެވެ.

އިއްޔެ އެ 12 މެންބަރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޕްރައިމަރީއަކާ ނުލާ 12 މެންބަރުންނަށް ޓިކެޓް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވި ކަމަަށް އެ ބައްދަލުވުމުގައި ތިއްބެވި، ބައެއް މެންބަރުން ވިދާޅުވި އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެކަމުގެ މަޝްވަރާ އެ ބައްދަލުވުމުގައި ނުކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓްވީޓެއް ކުރެއްވި އެވެ. ވިދާޅުވީ 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ މީގެކުރިން ކޯލިޝަން ޕާޓްނަރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެއާއެކު، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް 12 މެންބަރުންނަށާއި ރައީސް މައުމޫނަށް ފާޑުކިޔުން އަމާޒުވި އެވެ. އެ މެންބަރުން އުޅުއްވަނީ ޕްރައިމަރީ ނޫނީ ވޯޓު ދެކެ ބިރުން ކަމަށާއި "ތަބަކަށްލާފައި" ޓިކެޓް ދިނުމަކީ ޑިމޮކްރަސީއާ ހިލާފު ކަމެއް ކަމަށް މީހުން ދަނީ ބުނަމުންނެވެ.

ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބަވައި އެ މެންބަރުން ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ހިސާބުންނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ 12 މެންބަރުން ވެސް ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ތާއިދު ކުރައްވައި ކެމްޕެއިން ކުރައްވާފަ އެވެ.