ކުޅިވަރު

އޮސްކާގެ ތުހުމަތު: އޭއެފްސީ ބުރަވަނީ ބެންގަލޫރުގެ ފައިދާއަށް

އޭއެފްސީގެ ނިންމުންތައް ބުރަ ވަނީ އިންޑީއާޣެ ބެންގަލޫރު އެފްސީއަށް ފައިދާ ވާ ގޮތަށް ކަމަށް ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޮން ބަރޭރަސް ތުހުމަތުތަކެއް ކޮށްފި އެވެ.

އޭއެފްސީ ކަޕްގައި އިންޑިއާއިން ވާދަ ކުރާ ދެ ޓީމު، ބެންގަލޫރު އެފްސީ އާއި އައިޒަވަލް މިދިޔަ ބުދަ ދުވަހު ކުޅެން އޮތް މެޗު ފަސް ކުރީ އެވެ. އިންޑިއާގެ ސްޕަލީގްގައި ބެންގަލޫރު އެފްސީއަށް ތާވަލު ބިޒީ ކަމުންނެވެ. ބުރުޒޮން ވަނީ ވަކި ޓީމުތަކެއް ބޭނުން ވުމުން އޭއެފްސީން މެޗު ޝެޑިއުލު ބަދަލު ކުރުމުން އެކަމާ ކަންބޮޑުވާކަން ފާޅު ކޮށްފަ އެވެ.

"ސާފް ޗެމްޕިއަންޝިޕްގެ ތާރީހް ބަދަލު ކުރީ އިންޑިއާގެ ސްޕަލީގް ސަބަބަކަށް މެދުވެރިވުމުން، އޭއެފްސީކަޕްގެ ފުރަތަމަ މެޗު ތާރީހް ބަދަލު ކުރީ ބެންގަލޫރަށް ބިޒީ ޝެޑިއުލްއެއް އޮތުމުން، އަހަރެމެން ބެންގަލޫރާ ދެކޮޅަށް ރަށުން ބޭރުގައި އޭޕްރީލް 11 ގައި ކުޅެން އޮތް މެޗު އޭޕްރީލް 10 އަކަށް ބަދަލު ކުރީ އަނެއްކާވެސް ބެންގަލޫރަށް ބިޒީ ޝެޑިއުލެއް އޮތުމުން،" އޭއެފްސީގެ ނިންމުންތައް ހުރީ ބެންގަލުރޫ އެފްސީއަށް ފައިދާ ވާގޮަށްތޯ ސުވާލު ކުރުމުން ކުރިން އިންޑިއާގެ ސްޕަލީގްގައި ސްޕޯޓިން ގޯއާއަށް އިރުޝާދު ދިން ކޯޗު ބުންޏެވެ.

"އަހަރެން މި ވާޙަކަ ދައްކަނީ ހިނގި ކަންކަމުގެ ވާހަކަ، ދެން މީގެއިން ކަލޭމެން ބޭނުންވާ މާނައެއް ނެގި ދާނެ."

އޭއެފްސީ ކަޕުގައި، ނިއުރޭޑިއަންޓްގެ ތިން ވަނަ މެޗަކަށް ވާނީ ބެންގަލޫރާ ދެކޮޅަށް އެ ގައުމުގައި ކުޅެން އޮތް މެޗެވެ. އެ މެޗު ވާނީ ބެންގަލޫރުގެ ދެ ވަނަ މެޗަށެވެ. ނިއުރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. މާދަމާގެ މެޗުގައި އެއިން ކުޅުންތެރިޔަކަށް ރީނދޫ ކާޑެއް ދައްކައިފިނަމަ ބެންގަލޫރާ ދެކޮޅަށް ނިއުގެ އެ ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. ޝެޑިއުލަށް މިގޮތަށް ބަދަލު ގެނައުމުން އެމައްސަލަ ދިމާ ނުވާނެތޯ ސުވާލު ކުރުމުން އޭނާ ޖަވާބު ހުރީ އެވާހަކަ ދައްކަން ބޭނުންނުވާ ގޮތަށެވެ.

"އަހަރެން މިހާރު ބުނެފިން ކަންކަން ހިނގާފައިވާ ގޮތް، ދެ މެޗަށް ބަދަލު ގެނެސްފި ފޭވަރިޓެއް ކަމަށް ބުނާ ޓީމަކަށް ފައިދާ ވާގޮތަށް،" ބުރުޒޮން ޖަވާބު ދިނެވެ. "އޭއެފްސީ ނިންމުން ނިންމާފައި ހުރީ ގުރޫޕްގެ އެހެން ޓީމުތަކަށް ފައިދާވާ ގޮތަކަށް ނޫން، ނަމަވެސް އެންމެ ޓީމެއް ބޭނުންވާ ގޮތަށް."

ބުރުޒޮން ބުނީ، އޭނާގެ ސަމާލުން ކުަން ހުރީ ގުރޫޕް ސްޓޭޖަށް ކަމަށާއި ކުޅުންތެރިންވެސް ތިބީ އެގޮތަށް ކަމަށެވެ. ނިއުރޭޑިއަންޓް މާދާމގެ މެޗާ ކުރިމަތިލާއިރު، ނބަންގުލަދޭޝްގައި ކުޅުނު މެޗުން ލިބުނު ޕޮއިންޓް އެބައޮތެވެ. އޭނާ ބުނީ އަމިއްލަ ދަނޑުގައި ކުޅެން ޖެހނަސް އަދި ރަށުން ބޭރުގައި ގައި ކުޅެން ޖެހުނަސް އޭނާ ކުޅުންތެރިންގެ މޯޓިވޭޝަން ހުންނާނީ އެންމެ މަތީ ލެވަލުގައި ކަމަށެވެ. ނަމަވެސް ގަލޮޅު ދަނޑުގައި ކުޅޭއިރު އެޑްވާންޓޭޖް ނޭގެނެ ކަމަށް ބުރުޒޮން ފާހަގަ ކުރި އެވެ.

އައިޒޯލް ކޯޗު ސަންޓޯޝް ކަޝްޔަޕް އަކީ އިންޑިއާގެ ލީގްގައި، ބުރުޒޮން އާ ބައްދަލުވެ ވާދަކޮށްފައިވާ ކޯޗެކެވެ. ބުރުޒޮން ބުނީ އައިޒަވަލްގައި ސަންޓޯޝް ޓީމު ކުޅުވާނެ ކަމަށް ބެލެވެނީ ފަސް ޑިފެންޑަރުންގެ މައްޗަށް ކަމަށެވެ. އަދި އެ ޓީމުގެ މިޑްފީލްޑްލައިގައި ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށެވެ. ނަމަވެސް ނިއު އިން އެ ޓީމުގެ އަސްލު ގޭމް ކުޅެން މަސައްކަތް ކުރާނެ ކަމަށް ބުރުޒޮން ބުންޏެވެ.

ނިއު ރޭޑިއަންޓާއި އައިޒަވަލް ކުޅޭ މެޗު ފަށީނީ މާދަމާ ހަވީރު 4:00 ގައެވެ. ބެންގަލޫރު އެފްސީގެ ފުރަތަމަ މެޗުގައި މާދަމާރޭ 7:30 ގައި އެ ޓީމު ނިކުންނާނީ ޑާކާ އަބަހާނީއާ ދެކޮޅަށެވެ.