ހަބަރު

"ބިލްތައް ގާނޫނު އަސާސީއާ ހިލާފް، ދައުލަތުން އަމަލު ކޮށްގެން ނުވާނެ"

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލާއި އެންޓި ޑިފެކްޝަން ބިލް ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެކަމާ ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު މަޖިލީހުން ފާސްކުރި ދެ ބިލަކީ ގާނޫނު އަސާސީއާ މުޅިން ހިލާފަށް ފާސްކުރި ދެ ބިލް ކަމަށާއި ދައުލަތުން އެ ބިލް ތަކަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވަނީ އެދެބިލަށް ވޯޓަށް އެހޭނީ މަޖިލީހުގެ 43 މެންބަރުން ތިބެގެން ކަމަށެވެ.

ފަނޑިޔާރުގެ ބިލަށް އިސްލާހުގެންނަން ހުށަހެޅި ބިލުގައި ވަނީ ފަނޑީޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ. އެ ބިލް ފާސްކޮށްފައިވަނީ މަޖިލީހުގެ 38 މެންބަރުންގެ ވޯޓުން ނެވެ.

އެ ބިލު ހުށަހަޅުއްވަމުން އަބްދުއްރަހީމް އިއްޔެ ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ނިންމީ، 1 ފެބްރުއަރީގެ އަމުރު ނެރެން އިސްކޮށް އުޅުއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ފިޔަވަޅު އެޅޭނެ ތަނެއް މިހާރު އޮތް ގާނޫނުން ނުލިބޭތީ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް އެ ގާނޫނަށް އިސްލާހު ގެނެސް މިއަދުން މިއަދަށް ފާސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް އިސްލާހުގެނެސް ފާސްކޮށްފައިވަނީ މަޖިލީހުގެ 36 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެބިލް ފާސްކޮށްފައިވަނީ ގޮނޑިއާމެދު ބޮޑު ބަހުސެއް ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ.

މިއަދު ނެގި އެއްވެސް ވޯޓެއްގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވެފައެއް ނުވެ އެވެ. އިދިކޮޅު ފަރާތްތަކުން ދަނީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވަދެވޭ ޖަލްސާއެއް ބޭއްވުމުން ނޫނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވާނެ ކަމަށް ބުނަމުން ނެވެ.