ކުޅިވަރު

އޭއެފްސީކަޕަށް އައިޒޯލްގެ ސަމާލުކަން ކުޑަ

އޭއެފްސީ ކަޕްގައި އިންޑިއާގެ ޗެމްޕިއަން އައިޒޯލް އެފްސީ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނިއު ރޭޑިއަންޓާ ދެކޮޅަށް ނިކުންނައިރު އެ ޓީމުން، އޭއެފްސީ ކަޕަށް ދޭ ސަމާލުކަން ކުޑަކަން ދޭހަވާގޮތަށް އެ ޓީމުގެ ކޯޗު ސަންޓޯޝް ކަޝްޔެޕް ވާހަކަ ދައްކައިފި އެވެ.

މިދިޔަ ސީޒަންގެ އައި ލީގްގެ ޗެމްޕިއަން ޓީމަށް ވީ ނަމަވެސް، އޭރު އޮތް އައިޒޯލް ޓީމު ވަނީ މުޅިން ބަދަލު ވެފަ އެވެ. ސޯންޓޯޝް އެ ޓީމުގެ ކޯޗު ކަމާ ހަވާލުވިތާވެސް ވީ އެންމެ މަހެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ލީގް ޗެމްޕިއަންކަން ހޯދި ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ތިބީ ވަރަށް މަދު އަދަދެއްގެ ކުޅުންތެރިން ކަމަށެވެ.

ސަންޓޯޝް އަކީ ކުރިން ރާއްޖޭގެ ކުލަބު ތަކާ ދެކޮޅަށް ކުޅެން އައި އިންޑިާގެ މުމްބާއީގެ ކުލަބު މަހިންދަރަ ޔުނައިޓަޑްގެ ޔޫތު ޓީމު ކޯޗެވެ. އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާ ސަރަހައްދުގެ އަނެއް ބުރަށް ދަނީ އެއް ޓިމު ކަމެއް އޭނާ އަށް ނޭންގެ އެވެ.

"ދެ ޓީމެއް ނޫންތަ ދެ ވަނަ ބުރަށް ދަނީކީ،" ގުރޫޕްގެ ފޭވަރިޓް ޓީމަކީ ކޮން ޓީމެއްތޯ އެހުމުން ސުވާލު އުފައްދައި ސަންޓޯޝް އެހި އެވެ. "ކޮންމެވެސް މީހަކު އަހަރެންގެ ގާތު ބުނީ ދެ ޓީމު އަނެއް ބުރަށް ކޮލިފައި ވާ ވާހަކަ."

އޭނާ ބުނީ ގުރޫޕްގެ ފޭވަރިޓަކީ، ބެންގަލޫރު އެފްސީ ކަމަށާއި އެ އެޓީމުން ރަނގަޅު ސްކޮޑާކައި ޓީމުގައި ހަރުދަނާ ސިސްޓަމެއް އޮންނާތީ ކަމަށެވެ. ނަމަވެސް ނިއު ރޭޑިއަންޓަކީ އަބަދުވެސް ވަރުގަދަ ޓީމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރި އެވެ.

އޭނާ ބުނީ، ނިއުގެ ވަކިވަކި ކުޅުންތެރިޔަކާ މެދު އޭނާ ސަމާލު ނުވާނެ ކަމަށާއި އޭނާ ސަމާލުކަން ދޭނީ މުޅި ޓީމަށް ކަމަށެވެ. ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބަރޭރަސް އަކީ އޭނާ އާއެކު އިންޑިއާގައި މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. ސަންޓޯސް ބުނީ ބުރުޒޮންގެ ގޭމް ސްޓައިލް އޭނާ އަށް އެނގޭ ކަަމަށާއި އަދި އޭނާގެ ގޭމް ސްޓައިލް ބުރުޒޮންއަށްވެސް އެނގޭނެ ކަަމަށެވެ.