ހަބަރު

ދެ ބިލް ބާތިލް ކުރަން އިދިކޮޅުން ސުޕްރީމް ކޯޓަށް

މިއަދު ރައްޔިތުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނެސް ފާސްކުރި ބިލް ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، މިއަދު ފާސްކުރި ދެ ބިލަކީ ގާނޫނު އަސާސީ އާއި ގާނޫނީ އިޖުރާތްތަކާއި ހިލާފަށް ފާސްކޮށްފައިވާ ބިލެއް ކަމަށާއި އެ ބިލުގެ ބައެއް މާއްދާތައް ގާނޫނު އަސާސީގެ ގިނަ މާއްދާތަކާއި ތައާރުޒް ކަމަށެވެ.

އިބޫ ވިދާޅުވީ، މިއަދު ފާސްކުރި ދެ ބިލް ބާތިލު ކުރުމަށް އެދި މައްސަލައެއް މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާނެ ކަމަށާއި އެމައްސަލަ ވީހާވެސް އަވަހަށް ނިންމާދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލަތައް ވަނީ ވަރަށް އަވަހަށް ނިންމާ ކަން ފާހަގަ ކުރަން، އިލެކްޝަން ކޮމިޝަނުން ހުށަހެޅި މައްސަލަ ވެސް ވަނީ ވަރަށް އަވަހަށް ނިންމާފަަ، ބަންޑާރަނައިބް ވެސް ހުށަހެޅި މައްސަލަ އަދި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަން މަޖިލީހުން ފާސްކުރި ގަރާރު ސައްހަކަން ކަނޑައަޅަން ވެއްދި މައްސަލަވެސް އެދުވަހުން އެދުވަހު ގޮތެއް ނިންމާފަ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އެންމެންނަށް ހަމަހަމަ ކަމާއެކު ވީހާވެސް އަވަހަކަށް މި މައްސަލަ ނިންމާދިނުމަށް އެދޭ ކަމަށެވެ.

ފަނޑިޔާރުގެ ބިލަށް އިސްލާހުގެންނަން ހުށަހެޅި ބިލުގައި ވަނީ ފަނޑީޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ. އެ ބިލް ފާސްކޮށްފައިވަނީ މަޖިލީހުގެ 38 މެންބަރުންގެ ވޯޓުން ނެވެ.

އެ ބިލު ހުށަހަޅުއްވަމުން އަބްދުއްރަހީމް އިއްޔެ ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ނިންމީ، 1 ފެބްރުއަރީގެ އަމުރު ނެރެން އިސްކޮށް އުޅުއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ފިޔަވަޅު އެޅޭނެ ތަނެއް މިހާރު އޮތް ގާނޫނުން ނުލިބޭތީ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް އެ ގާނޫނަށް އިސްލާހު ގެނެސް މިއަދުން މިއަދަށް ފާސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް އިސްލާހުގެނެސް ފާސްކޮށްފައިވަނީ މަޖިލީހުގެ 36 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެބިލް ފާސްކޮށްފައިވަނީ ގޮނޑިއާމެދު ބޮޑު ބަހުސެއް ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ.