ހަބަރު

ގާނޫނާ ތަސްދީގު ކުރިޔަސް ގޮނޑި ގެއްލޭނެ ހަމައެއް ނެތް: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުން މިއަދު އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ނަމަވެސް 12 މެންބަރުންގެ ގޮނޑި ގެއްލޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، އަމީތު ވިދާޅުވީ، 13 ޖުލައި 2017 ގެ ކުރިން ޕާޓީން ވަކިވާން ކުރަން ޖެހޭ ހުރިހާ ކަމެއް ވާނީ ނިންމާފައި ކަމަށާއި އެހެން ކަމުން މިއަދު ފާސްކުރި ބިލުންވެސް އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އަމީތު އިޝާރަތް ކުރެއްވީ އެ ދުވަހުގެ ކުރިން އެ 12 މެންބަރުން ވެސް ޕީޕީއެމް ވަކިވާން ހުށަހެޅި ސިޓީއަށެވެ. މެންބަރަކު ޕާޓީއިން ވަކިވާން ސިޓީ ހުށަހެޅުމުން އެ މެންބަރަކު އެ ޕާޓީން ވަކިކޮށްދޭން ޖެހޭނެ އެވެ.

"ޕާޓީން ވަކި ވުމަށް ފުރިހަމަ ކުރަން ޖެހުނު ހުރިހާ އިޖުރާތެއް ވާނީ ފުރިހަމަ ކޮށްފަ، ގޮނޑިއެއް ނުގެއްލޭނެ، މާދަމާ މި ގާނޫނު ތަސްދީގު ކުރިއަސް ގޮނޑި ގެއްލުނު ކަމަށް އެއްވެސް ގާނޫނީ ހަމައެއް އެބޭފުޅުންނަށް ނުދެއްކޭނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު އިތުރަށް ވިދާޅުވީ ސަރުކާރު ކޯލިޝަން މެންބަރުންގެ ހަތަރެސްފައިގައި މިއަދު އެ ދިޔައީ ބިޑި އެޅުވިގެން ކަމަށާއި މިއަދު ފެނިގެން އެދިޔައީ އެބޭފުޅުންގެ ހަތަރެސްފައިގައި އަމިއްލަ އަށް ބިޑި އަޅުވަން އެބޭފުޅުން ރުހުން ދިން މަންޒަރު ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، މިއަދު ފާސްކުރި ދެ ބިލަކީ ގާނޫނު އަސާސީ އާއި ގާނޫނީ އިޖުރާތްތަކާއި ހިލާފަށް ފާސްކޮށްފައިވާ ބިލެއް ކަމަށާއި އެ ބިލުގެ ބައެއް މާއްދާތައް ގާނޫނު އަސާސީގެ ގިނަ މާއްދާތަކާއި ތައާރުޒް ކަމަށެވެ.

އިބޫ ވިދާޅުވީ، މިއަދު ފާސްކުރި ދެ ބިލް ބާތިލު ކުރުމަށް އެދި މައްސަލައެއް މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާނެ ކަމަށާއި އެމައްސަލަ ވީހާވެސް އަވަހަށް ނިންމާދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގެ މާއްދާ ގާނޫނު އަސާސީގެ 154 ވަނަ މާއްދާއާ މުޅިން ހިލާފް، އަދި މާއްދާ ފާސްކުރުމުގައި 154 ވަނަ މާއްދާ ނުހިނގާނެ ކަމަށް އޮބައޮތް ބުނެފަ، މިއީ ކުރެވިދާނެ ކަމެއް ނޫން، ގާނޫނު އަސާސީގެ ވަކި މާއްދާއެއް ނުހިނގާނެ ގޮތަށް ރައްޔިތުން މަޖިލީހުގެ 37 މެންބަރުންނަކަށް ނުނިންމޭނެ، މިއީ ބުއްދި ގަބޫލު ކުރެވޭ އަދި ގާނޫނީ ހަމަތަކުގެ މަތީން ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އިބޫ ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 154 މާއްދާ އަކީ ފަނޑިޔާރުން ވަކި ކުރަން ވެއްޖިއްޔާ ކަންތައް ކުރަންވީ ގޮތް ކަނޑައަޅާފައިވާ މާއްދާ އެކެވެ. އެމާއްދާގައިވަނީ ފަނޑިޔާރެއްގެ މައްސަލައެއް ފުރަތަމަ ހުށަހަޅަން ޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އަށެވެ. އެ ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމުމަށްފަހު މަޖިލީހަށް ހުށަހެޅުމުން ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެބައި ވޯޓުން ނެވެ.

އެނޫން ގޮތަކަށް ގާނޫނު އަސާސީ އަށް އިސްލާހު ނުގެނެސް މެންބަރުންގެ ގޮނޑިއާމެދު ގޮތެއް ނުނިންމޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ގޮނޑި ގެއްލޭނެ ގޮތްތައް ކަނޑައަޅާފައިވާ މާއްދާއެއް ގާނޫނު އަސާސީގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ސިޔާސީ ޕާޓީތަކާ ގުޅޭ ގާނޫނުގައި ވެސް އެކަމާ ގުޅޭ މާއްދާއެއް އެބައޮތް ކަމަށެވެ. އެ މާއްދާގައި ބުނަނީ ޕާޓީ ބަދަލު ކުރުމުން އިންތިހާބުވެފައިވާ މަގާމެއް ނުގެއްލޭނެ ކަމަށާއި އެ ގާނޫނު މިއަދާ ޖެހެންދެން އެބަ އޮތް ކަމަށެވެ. އެހެން ކަމުން މިއަދު ފާސްކުރި ދެ ބިލަކީ ޣައިރު ގާނޫނީ ދެ ބިލް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓުން ކަމަށާއި އެކަން ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ނުވަތަ އިލެކްޝަން ކޮމިޝަނަށް ބާރު ލިބޭ ގޮތަށް މިފަދަ ބިލްތައް ފާސްކުރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެންޓި ޑިފެކްޝަން ބިލްގެ ސަބަބުން ސުޕްރީމް ކޯޓުގެ ބާރުވެސް އެބަ ކަނޑުވާލާ، ސުޕްރީމް ކޯޓަށް ފަހު ބަސް ބުނުމުގެ ހައްގު މީގެން އެބަ އުނިވޭ، ސުޕްރީމް ކޯޓަށް ލިބިފައިވާ އިހްތިސޯސްއެއް މިހެން ހަދާ މަޖިލީހުގެ ބިލަކުން ނިގުޅައެއް ނުގަނެވޭނެ، ސުޕްރީމް ކޯޓުގެ ބާރަކަށްވެސް އެބަ އަރައިގަނޭ، އަދި މަޖިލީހުގެ ގާނޫނު އަސާސިގައި ބަޔާންކޮށްފައިވާ މާއްދާގެ ބާރުވެސް ވަނީ މި ބިލުން ކަނޑުވާލެވިފަ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ، ފަނޑިޔާރުންގެ ބިލަށް އިސްލާހު ގެނެސް ފާސްކޮށްފައިވާ ބިލަކީ ފަނޑިޔާރުންނަށް ބިރުދައްކައި ނުހައްގުން ފަނޑިޔާރުން ވަކި ކުރުމަށް އުފައްދާފައިވާ ޣައިރު ގާނޫނީ ބިލެއް ކަމަށެވެ. އެ އިސްލާހުގެ ސަބަބުން ގާނޫނު އަސާސީގެ ބާރު ކަނޑުވާލާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ، މިއަދު ފާސްކުރި އިސްލާހަކީ ފަނޑިޔާރުންނަށް އެބޭފުޅުންގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް މުސްތަގިއްލު ގޮތުގައި އަދާ ކުރުމަށް ހުރަހަކަށް ވެގެންދާ އިސްލާހެއް ކަމަށެވެ. އަދި ވިދާޅުވީ، ޖުލައި މަހުގެ ފަހުން ޕާޓީ ބަދަލު ކުރި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ބިލް ފާސްކޮށްފައިވުމުން އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށެވެ. އިހުލާސްތެރި ކަމެއް ހުރި ނަމަ ދައުރު ފެށުނީންސުރެ އެ ބިލަށް އަމަލު ކުރަން ފާސް ކުރާނެ ކަމަށް އަނާރާ ވިދާޅުވި އެވެ.