އެމެރިކާ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްކަން ސީއައިއޭގެ ޑައިރެކްޓަރަށް

އެމެރިކާގެ ސްކެެރެޓަރީ އޮފް ސްޓޭޓް ކަމުގެ މަގާމުން ރިކްސް ޓިލާސަން ވަކިކޮށް ޖާސޫސީ އިދާރާ ސީއައިއޭގެ ޑައިރެކްޓަރު ކަމުގައި މިހާތަނަށް ހުންނެވި މައިކް ޕޮމްޕިއޯއަށް ދީފި އެވެ.

ޓިލާސަން ވަކިކޮށް ޕޮމްޕިއޯ އިސް ކުރުމާއި ސީއައިއޭގެ ޑައިރެކްޓަރުކަން އާ ބޭފުޅަކަށް ދެއްވުމުގެ ކަންތައް ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ކުރެއްވީ ސޯޝަލްމީޑިއާ ޓްވިޓާގަ އެވެ. ޓްވިޓާގައި އެކަންކަން އިއުލާނު ކުރެއްވުމަށް ފަހު ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާއާ ޓިލާސަންއާ ދެމެދު އޮތް ހިޔާލުތަފާތުވުންތަކުގެ އަސަރު ޒާތީ ގުޅުމަށް ވެސް ކުރީ ކަމަށެވެ.

"އީރާނާ އެކު އޮތް އެއްބަސްވުމަށް ބަލަންޏާ، އަހަރެން ދެކެނީ އެއީ ވަރަށް ގޯސް އެއްބަސްވުމެއްގެ ގޮތުގައި. އަހަރެންނަށް ހީވާ ގޮތުން އޭނާ [ޓިލާސަން] ދެކެނީ އެ އެއްބަސްވުން ރަނގަޅު ކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ މައިކް ޕޮމްޕިއޯއަކީ އޭނާއާ އެއް ވިސްނުމެއްގެ ބޭަފުޅަކަށް ވާތީ ކަންތައްތައް ރަނގަޅަށް ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޓިލާސަން މަގާމުން ވަކިކުރެއްވިޔަސް މިި މާޗްމަހުގެ 31 ވަނަ ދުވަހާ ހަމައަށް އޭނާ މަގާމުގެ ޒިންމާތައް އަދާކުރައްވާނެއެވެ. ސެކްރެޓަރީ އޮފް ސްޓޭޓް ކުރެއްވުނު މަސައްކަތްޕުޅުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓިލާސަން ވިދާޅުވީ ޗައިނާއާ އޮންނަ ގުޅުން ބަދަހިކުރުމާއި އުތުރުކޮރެއާ މައްސަލައިގައިި ކުރެވިފައި ވަނީ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ރަޝިޔާ ސަރުކާރުން ގެންގުޅޭ މައްސަލަ ބޮޑު ސިޔާސަތާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެމެރިކާއިން އަދި ނާޅާކަން އޭނާ ފާހަފަ ކުރެއްވިއެވެ.

އެމެރިކާގެ ރައީސްކަމަށް މިދިޔަ އަހަރު ވަޑައިގެންނެވި ޓްރަމްޕްގެ ސަރުކާރުން މީގެ ކުރިން ވެސް ވަނީ އިސްމަގާމުތަކަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބައެއް ބޭފުޅުން މަގާމުން ވަކިކުރި އިރު އަނެއްބައި ބޭފުޅުން ވަޑައިގެންނެވީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.