ތިން މަސް ދުވަހުން ކާމިޔާބެއް ނުހޯދޭނެ ކަމަށާއި ކާމިޔާބު ހޯދަން މަސައްކަތް ކުރުމުގައި އޭނާއަށް ވަގުތު ބޭނުންވާ ކަމަށް ދިވެހި ގައުމީ ޓީމުގެ އާ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.
ރާއްޖޭގެ ކޯޗު ކަމާ މިއަދު ރަސްމީކޮށް ހަވާލުވެ، މިޑިއާ ވާހަކަ ދައްކަމުން ކޮރޭޝިއާއަށް އުފަން ޖަރުމަންގެ ޝެގަޓް ބުނީ ރާއްޖޭގެ ގައުމީ ޓީމުގައި މަސައްކަތް ކުރާނީ އެކަމަށް ތަސައްވަރެއް އެކުލަވާލައިގެން ކަމަށެވެ. އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅައަށް ބަދަލު ގެންނާނީ ބެލެންސެއްގެ މައްޗަށެވެ. އެއީ ކާމިޔާބު ހޯދަން މަސައްކަތް ކުރުމާއެކު އާ ކުޅުންތެރިން އުފައްދާށެވެ.
"އެއްވެސް ކުޅުންތެރިޔަކަށް ގައުމީ ޓީމުގެ ދޮރު ބަންދެއް ނުކުރާނަން، ރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ގައުމީ ޓީމަށް ކުޅެން ފުރުސަތު އޮންނާނެ، އަހަރެން ބަލަން ބޭނުމީ އެ ކުޅުންތެރިޔަކު ގައުމީ ޓީމަށް އަންނަން ތައްޔާރުތޯ،" ކުރިން އަފްގާނިސްތާންގެ ގައުމީ ޓީމަށް ކޯޗު ކޮށްދިން ޝެގަޓް ބުންޏެވެ،
"އޭނާ ބުރަކޮށް މަސައްކަތް ކުރަންޏާ، ރަނގަޅު ޑިސިޕްލިންއެއްގައި ހުރެއްޖެ ކަމަށް ވަންޏާ، އެކުޅުންތެރިޔަކު އަހަރެންގެ ފިލޯސަފީ ގަބޫލު ކުރާ ކަމަށް ވާނަމަ އަދި އެންމެ މުހިންމު ކަމަކީ އޭނާ ކުޅޭ ގައުމަށް ލޯބި އޮންނަންޏާ ކޮންމެ ކުޅުންތެރިޔަކަށް ވެސް ގައުމީ ޓީމުން ފުރުސަތު ދޭނަން."
ކާމިޔާބު ހޯދުމަށްޓަކައި ރާއްޖެއިންވެސް ބޮޑު ޓާގެޓެއް ކަނޑައަޅަން ޖެހޭ ކަމަށް ޝެގަޓް ފާހަގަ ކުރި އެވެ. އޭނާ ބުނީ ބޮޑު ޓާގެޓެއް ނެތި މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމަށް ނޫން ކަމަށެވެ.
"އަހަންނަކަށް ވައުދެއް ނުވެވޭނެ ކުރިއަށް އޮތް ދެ ދުވަހު ނުވަތަ ކުރިއަށް ދެ ހަފުތާ ތެރޭ ނުވަތަ ކުރިއަށް އޮތް ތިން މަސްތެރޭ ކާމިޔާބު ހޯދާނަމެކޭ، އަހަރެން ބޭނުމީ ވަގުތު، އަހަންނަށް ވަގުތު ދީ، އެއަށްފަހު އަހަރެން ކުޅުންތެރިންގެ ހުނަރު ދެނެގަނެ މަސައްކަތް ކުރާނަން އެންމެން ގުޅިގެން ކާމިޔާބު ހޯދަން."
އޭނާ ބުނީ ކާމިޔާބު ހޯދާނަމޭ ބުނެ އޭނާ އަށް ވައުދެއް ނުވެވޭނެ ކަމަށާއި ނަމަވެސް އޭނާގެ ހުރި ހުރިހާ ކޮލިޓީއެއް ރާއްޖޭގެ ފުޓްބޯޅައަށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.