ހަބަރު

ދެ ފަނޑިޔާރުން ވަކިކުރަން ފާސްކުރި ބިލް ތަސްދީގު ކޮށްފި

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކުރި ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ. އެ އިސްލާހަކީ ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ އިސްލާހެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެ ގެނެސް ފާސްކުރި ބިލު ތަސްދީގު ކުރުމަށް ފަހު މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. ފަނޑިޔާރުންގެ ގާނޫނީ ބިލަށް ގެނައި އިސްލާހުގައި ވަނީ، ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ ހުކުމް ކުރާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެއީ ސުލޫކީ މައްސަލައަކާ ގުޅިގެން އެޅޭ ފިޔަވަޅަކަށް ނުވާތީ ގާނޫން އަސާސީގެ 154 ވަނަ މާއްދާގައި ފަނޑީޔާރަކު ވަކި ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ނުހިނގާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ގާނޫން އަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރުން މަގާމުގައި ދެމިތިބުމާއި، މަގާމުން ވަކިކުރެވޭނެ ހާލަތްތައް ބަޔާން ކުރެ އެވެ. އެ މާއްދާގައިވާ ގޮތުން ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހައި ހިނދަކު ފަނޑިޔާރަކު މަގާމުން ވަކި ކޮށްގެނެއް ނުވާނެ އެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝިލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ. އަދި ފަނޑިޔާރު ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އަބްދުރަހީމް ހުށަހެޅި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ޖޭއެސްސީއިން އެ ފަނޑީޔަރަކު ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ މުސާރަކަނޑާލަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން އިސްތިއުނާފު ކުރުމަށް ހުށަހެޅޭނެ މައްސަލަ ނިމޭތާ 10 ދުވަސް ތެރޭގަ ކަމަށާއި އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާތާ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ. އަދި އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅޭނީ 10 ދުވަސް ތެރޭގަ ކަމަށާއި އެ ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ސަރުކާރު ފަރާތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އެ އިސްލާހުގައި ފާސް ކުރީ 38 ވޯޓުންނެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލުގެ އިތުރުން އެންޓި ޑިފެކްޝަން ބިލު ވެސް ވަނީ ތަސްދީގުކޮށްފަ އެވެ. އެ ބިލު ތަސްދީގު ކުރުމާއެކު މެންބަރު ކަމާމެދު މެދު ސުވާލު އުފެދިފައިވާ 12 މެންބަރުންގެ ގޮނޑި ގެއްލުނީ އެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ އެ ދެ ބިލު ވެސް ގާނޫން އަސާސީއާ ހިލާފު ކަމަށް ބުނެ ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.