ހަބަރު

ވިލާ ހައި ސްކޫލްގެ މަގާމްތަކަށް ދަރިވަރުން ހޮވައިފި

Mar 14, 2018
1

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)ގެ އިސް މަގާމްތަކަށް ދަރިވަރުން ހޮވައިފި އެވެ. އެ ސްކޫލްގެ އިސް ހަތް މަގާމަށް މިއަދު ހޮވާފައިވަނީ 10 ދަރިވަރެކެވެ.

މަގާމްތަކަށް ހޮވުނު ކުދިން އިއުލާންކުރުމަށް މިއަދު ވިލާކޮލެޖުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ސްކޫލްގެ ކެޕްޓަނަކަށް މިއަހަރު ހޮވާފައިވަނީ ގްރޭޑް 11ގެ އަލީ އަހުނަފް އެވެ. އަހުނަފްއާއެކު އިސް މަގާމްތަކަށް ހޮވުނު ނުވަ ދަރިވަރުންގެ އިތުރަށް ޕްރިފެކްޓުންގެ ގޮތު ހޮވުނު ދަރިވަރުންނަށް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ހަވާލުކޮށް މަގާމުގެ ހުވާ ލައިދީފަ އެވެ.

މަގާމްތަކަށް ހޮވުނު ދަރިވަރުންނާ ބެހޭގޮތުން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދް މިއަދު ވިދާޅުވީ، ވިލާ ކޮލެޖްގެ މަގާމްތަކަށް ވަރަށް ވާދަވެރި މާހައުލެއްގެ ތެރެއިން ދަރިވަރުން ހޮވަން އަބަދުވެސް ބާރުއަޅާ ކަމަށެވެ. އެގޮތުން މިއަހަރު ވެސް ސްކޫލްގެ މަގާމްތަކަށް ކުދިން ހޮވާފައިވަނީ ދަރިވަރުންގެ މެދުގައި ވާދަވެރި ވޯޓަކުން ކަމަށާއި ހޮވިފައި ތިބި ކުދިންނަކީ މިއަހަރު ސްކޫލުގައި ބާއްވާ ހުރިހާ ކަމެއް ރާވައި ފުރިހަމައަށް އިންތިޒާމްކުރެވޭނެ ފަދަ ގާބިލު ކުދިން ކަމަށެވެ. މިދިޔަ އަހަރު ވެސް ވިލާ ހައި އިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ އަހަރު ބޭއްވި އިންޓަ ސްކޫލް ގިނަ މުބާރާތްތަކަކުން ވިލާ ހައިސްކޫލް ވަނީ ވަނަ ހާސިލްކޮށްފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ސްކޫލްގެ ބައެއް ޓީޗަރުންނާއި އިސް މަގާމްތަކުގެ މުވައްޒަފުން ވެސް ބައިވެރިވެވަޑައިގަތެވެ.