ކުޅިވަރު

ދަގަނޑޭގެ ހެޓްރިކުން ނިއު އައިޒޯލް ބަލިކޮށްފި

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހެދި ހެޓްރިކާއެކު، ނިއު ރޭޑިއަންޓުން، އިންޑިއާގެ ޗެމްޕިއަން އައިޒޯލް 3-1 ބަލިކޮށް މުހިންމު މޮޅެއް ހޯދައިފި އެވެ.

ބަންގާޅުގައި ރަށުން ބޭރުގައި ކުޅުނު މެޗުގައި ލިބުނު އިތުބާރާއެކު، ނިއު އިން ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ކުރީ ކޮޅު ނިއުއިން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސް ކުރި އެވެ.

ނަމަވެސް އެންމެ ފުރަތަމަ ލީޑް ނެގީ އައިޒޯލްގެ ޓީމުންނެވެ. ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތެއްގައި، އެ ޓީމުގެ ލަނޑު 34 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލާލްރާމް ހުމުންމުވިއާ އެވެ. ކައުންޓަ އެޓޭކްގައި ލިބުނު ބޯޅަ ނިއުގެ ކީޕަރު އިމްރާން ދިފާއު ކުރުމުން ރީބައުންސް ވިއެވެ. އެއަށްފަހު ނިއުގެ ޑިފެންޑަރުންނަށް ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވި އުޅެނިކޮށް ބޯޅަ ލިބުނީ ގޯލް ކުރިމަތީގައި ހުރި ލާލްރާމް ހުމުންމުވިއާ އޭނާ ވަނީ ނިއުގެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ނިއުގެ ލަނޑު ޖެހުމުގެ ކުރިން އަޝްފާގަށް ވަނީ، އެހެން ބައެއް ފުރުސަތުތައް ވެސް ލިބިފަ އެވެ. މެޗުގެ 40 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ، ޕެނަލްޓީ އޭރިއާގެ ކަނާ ދިމާލަށްވާ ގަޮތަށް ހުރެފައި ހާފުގެ މެދެއްހާ ހިސާބުން އަހްމަދު އަބްދުﷲ (ލިލީ) އަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގުމުން ކަނާތު ފައިން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ދެ ވަނަ ހާފު ފެށިގެން ނިއުގެ ކުޅުން ރަނގަޅު ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ފުރަތަމަ ހަމަލާ އުފައްދަން ފުރުސަތު ތަނަވަސް ކުރީ އައިޒޯލުންނެވެ. އާދައިގެ ކުޅުމެއް ދެ ޓީމުން ވެސް ކުޅެމުން ދަނިކޮށް އައިޒޯލްއަށް މައްސަލަ ކުރިމަތިވީ، މެޗުގެ 74 ވަނަ މިނެޓްގައި ލާލްރާމް ހުމުންމުވިއާ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ދެ ވަނަ ރީނދޫ ކާޑެއް ދެއްކީ، ނިއުއިން ކައުންޓަ އެޓޭކްގައި އުފެއްދި ފުރުސަތެއްގައި، ގްލިއެމް މާޓީ މިޒޫޓްއަށް، އައިޒޯލްގެ ޕެނަލްޓީ އޭރިއާ ބޭރުން ފައުލު ކުރުމުނެވެ.

އެފައުލާ ގުޅިގެން ޑީ އޭރިއާ ކަުރިމަތިން ލިބުނު ހިލޭޖެހުން އަޝްފާގް ފޮނުވާލުމުން އެ ބޯޅަ ދިޔައީ ގޯލައާ މާދުރުން ބޭރަށެވެ. ނިއުގެ ދެ ވަނަ ލަނޑު އަޝްފާގް ކާމިޔާބު ކުރީ ހިޝާމް ސަލީމް ޕެނަލްޓީ އޭރިއާގެ އަރިމަތިން ނަގައިދިން ބޯޅަ، ވެއްޓިގެން ފައި ކަހަލަ ގޮތަކަށް، ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. ނިއުގެ ތިން ވަނަ ލަނޑު އަޝްފާގް ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އަޝްފާގް ބުނީ، އަމިއްލަ ހެޓްރިކަށް ވުރެ، ޓީމަށް ކާމިޔާބު ހޯދައި ދެވުމުން ލިބޭ ހިތްހަމަ ޖެހުން މާބޮޑު ކަމަށެވެ.