ކުޅިވަރު

ފިޔަވަޅު އުވާލުމުން ޕާކިސްތާން ސާފްޗެމްޕިއަންޝިޕަށް

ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަން (ޕީއެފްއެފް) އާ ދެކޮޅަށް އަޅާފައިވާ ސަސްޕެންޝަންގެ އަދަބު ފީފާއިން އުވާލައިފި އެވެ. ސަސްޕެންޝަން އުވާލުމުން، މިއަހަރު ސެޕްޓެމްބަރު މަހު ބަންގުލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާނެ ކަން ޕީީއެފުއެފުން ވަނީ އިއުލާން ކޮށްފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު 11 ވަނަ ދުވަހު ފީފާއިން ޕާކިސްތާން ސަސްޕެންޑް ކުރީ، އެގައުމުގެ ފެޑްރޭޝަނަށް ތިން ވަނަ ފަރާތެއްގެ ބާރު ފޯރުވާފައިތީ ކަމަށް ފީފާގެ އޭރު އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ޕާކިސްތާންގެ ފެޑްރޭޝަނަށް ތިން ވަނަ ފަރާތެއްގެ ބާރާއި ނުފޫޒު ފޯރުވި ކަމަށް ފީފާ އިން ބުނަނީ މިދިޔަ އޮކްޓޫބަރު މަހު ޕާކިސްތާންގެ ފުޓްބޯޅަ އިދާރާ އާއި އެ އިދާރާގެ އެކައުންޓްތަކާ ހަވާލު ވުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން އެޑްމިނިސްޓްރޭޝަން ކޮމިޓީއެއްގެ މައްޗަށް ހުކުމް ކުރުމުން ނެވެ.

ފީފާގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން، އެ ޖަމްއިއްޔާގެ މެންބަރު ގައުމެއްގެ ފުޓްބޯޅަ އިދާރާ އަށް ފިޔަވަޅު އެޅޭނީ ހަމައެކަނި ފީފާ އަށެވެ. ފީފާއިން ނިންމާ ނިންމުމަކާ ގުޅިގެން އިސްތިއުނާފަށް ހުށަހެޅޭނީވެސް، ފީފާގެ އިސްތިއުނާފް ކޮމިޓީ އަށެވެ. ފީފާގެ އިދާރީ މަރުހަލާގެ ތެރެއިން ވަކި ކަމެއް ނުނިމިއްޖެނަމަ ދެން އެ މައްސަލައަކާ މެދު ކޯޓުން މރުހަލާއިން ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެން ވަނީ ސްވިޒަލޭންޑްގެ ލުޒާން ގައި ހުންނަ އިންޓަނޭޝަނަލް ސްޕޯޓްސް އާބިޓްރޭޝަން ކޯޓަ ށެވެ.

ފީފާގެ ސަސްޕެންޝަން އޮތް މުއްދަތުގައި ޕާކިސްތާންގެ ގައުމީ ޓީމަށް އަދި ކުލަބަކަށްވެސް ބައިނަލްއަގްވާމީ އެއްވެސް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ. އަދި ފީފާއިން ހިންގާ ޑިވްލަޕްމެންޓް އަދި ޓެކްނިކަލް އެއްވެސް ޕްރޮގްރާމެއްގައި ޕާކިސްތާންގެ ފެޑްރޭޝަންގެ އެއްވެސް ފަރާތަކަށް ބައިވެރި ނުވެވޭނެ އެވެ.