ކުޅިވަރު

އަމިއްލަ ހެޓްރިކަށްވުރެ ނިއުގެ ކާމިޔާބު މާ ހިތްހަމަޖެހޭ

އަމިއްލަ ހެޓްރިކަށްވުރެ، ނިއު ރޭޑިއަންޓަށް ހޯދައި ދެވުނު ކާމިޔާބާ މެދު މާބޮޑަށް ހިތްހަމަޖެހޭ ކަމަށް އެޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

އޭއެފްސީ ކަޕުގައި އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ ތިން ލަނޑުވެސް ޖެހީ އަޝްފާގެވެ. މެޗަށް ފަހު އޭއެފްސީގެ މީޑިއާ ވާހަކަ ދައްކަމުން އަޝްފާގް ބުނީ އޭނާ އާއި ޓީމުގެ ފަރާތުންވެސް ފެނުނީ އެންމެ މޮޅު ކުޅުން ނޫން ކަމަށާއި ނަމަވެސް މޮޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ހެޓްރިކަށްވުރެ ޓީމަށް ކާމިޔާބު ހޯދައިދެވުމުން މާބޮޑަށް ހިތް ހަމަޖެހޭ،" ގައުމީ ކެޕްޓަންކަންވެސް ކުރަމުން އަންނަ އަޝްފާގް ބުންޏެވެ.

ނިއު ރޭޑިއަންޓް ދެ މެޗު ކުޅެ ހަ ޕޮއިންޓާއެކު އޮތީ އެއް ވަނައިގަ އެވެ. އެ ޓީމަށް ދެން އޮތީ ރޭ ބަންގުލަދޭޝްގެ އަބަހާނީ ޔުނައިޓަޑް އަތުން 1-0 މޮޅުވި، އިންޑީއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ އެވެ.

އަޝްފާގް ބުނީ، ކޮންމެ މެޗަކަށް ނިކުންނަނީވެސް މެޗުން މޮޅުވާން ކަމަށާއި ބެންގަލޫރާ ދެކޮޅަށް ކުޅޭއިރުވެސް ނިކުންނާނީ މޮޅުވާން ކަމަށެވެ. އަދި ކޮންމެ ޓީމެއް އަތުންވެސް ތިން ޕޮއިންޓް ލިބޭނަމަ ހިތްހަމަޖެހުން ލިބޭ ކަމަށް އޭނާ ބުންޏެވެ.

ބެންގަލޫރުގައި ނިއުރޭޑިއަންޓާ ދެކޮޅަށް އެ ޓީމު ކުޅެން ހަމަޖެހިފައިވާ މެޗު އޮންނާނީ އަންނަ މަހު 10 ގައެވެ.