ޓޫރިސްޓް އެރައިވަލް

ފެބްރުއަރީގައި އައި ޓޫރިސްޓުން 19 ޕަސެންޓް އިތުރު

މިދިޔަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތް 19 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ފަތުރުވެރިން ބޮޑު ނިސްބަތަކަށް އިތުރުވެފައިވާކަމަށް ޓުރިޒަމްގެ ތަފާސްހިސާބުން ދައްކާއިރު، މިދިޔަ މަހަކީ ފަސް ވަނަދުވަހު ސަރުކާރުން ކުއްލި ނުރައްކަލުގެ ހާތު އިއުލާންކުރުމާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާއާ އެކު ޔޫރަޕްގެ ވެސް ގިނަ ގައުމުތަކުން ހަރުކަށި ޓްރެވަލް އެޑްވައިޒަރީތަކެއް ނެރުނު މަހެކެވެ. އަދި ރިސޯޓްތަކުގެ އޮކިއުޕަންސީ ދަށްވެގެން ބައެއް ރިސޯޓްތަކުން ގިނަ ޝަކުވާތައްވެސް މިދިޔަ މަހު ހުށަހެޅި އެވެ.

ޓްރެވަލް އެޑްވައިޒަރީ ނެރުނެއް ކަމަކު މިދިޔަ މަހުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ ޗައިނާއިންނެވެ. މިނިސްޓްރީން މިއަދު ނެރުނު ތަފާސްހިސާބު ދައްކާ ގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް 286637 މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި އެވެ. އެ މީހުންގެ 20.7 ޕަސެންޓް ހިއްސާކުރަނީ ޗައިނާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 38 ޕަސެންޓް އިތުރުވުމެކެވެ. އަދި ފެބްރުއަރީ މަހު އެކަނި އެގައުމުން އައި ފަތުރުވެރިންނަށް ބަލާއިރު ވެސް އެއީ މިދިޔަ އަހަރަށްވުރެ 8 ޕަސެންޓްގެ އިތުރުވުމެކެވެ.

މިދިޔަ މަހު ޖުމްލަކޮށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ޔޫރަޕުން 79710 ފަތުރުވެރިން މިދިޔަ މަހުގެ ރާއްޖެއަށް އައިއިރު އެއީ ޖުމްލަ ފަތުރުވެރިންގެ 54 ޕަސެންޓެވެ. ޔޫރަޕްގެ ގައުމުތަކުންވެސް އިނގިރޭސިިލާތުން މިދިޔަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތް އެހެން ގައުމުތަކަށްވުރެ އިތުރެވެ.

މިނިސްޓްރީން ބުނީ، ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތަށް ލިބުނު ކުރިއެރުމާއެކު ފެބްރުއަރީ މަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދުވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު 18 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.