ކުއްލި ނުރައްކަލު ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުން ދޫނިދޫގައި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ފަށައިފި އެވެ.
އޭގެ ގިނަ ބޭފުޅުންގެ ވަކީލުކަން ކުރައްވާ މަހްފޫޒް ސައީދު މިއަދު ވިދާޅުވީ، ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ފަށާފައިވަނީ މިއަދު މެންދުރުން ފެށިގެން ކަމަށެވެ. ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ފަށާފައިވަނީ، މިހާރު ހުންނެވި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒުއާ ބައްދަލުކުރުމަށް އެދުމުން އެކަން ހަމަޖައްސައިދީފައިނުވާތީ އާއި ބަންދުކޮށްފައިވާ ގޮޅީގެ ހާލަތާމެދު ކުރެވިފައިވާ ޝަކުވާތަކާ ގުޅިގެން އެދެވޭ ހައްލެއް އައިސްފައި ނުވާތީ ކަމަށް މަހުފޫޒް ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 50 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެއެވެ. ހައްޔަރުކޮށްފައިވާ 50 އަށްވުރެ ގިނަ މީހުން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށެވެ.
މީގެކުރިން ވަކީލުން ވަނީ ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ގޮޅިތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް އަބުދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ. އެ ދުވަހަށްފަހު އިދިކޮޅުގެ ގިނަ ފަރާތްތަކަކާއި މަޖިލިސް މެންބަރުންވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުވެސް ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އެސްއޯއީގެ ދަށުން ހައްޔަރުކޮށްފަ އެވެ.