ކުޅިވަރު

ލާޒިމު ނޫންކަމަށް ވިދާޅުވުމަކީ ކުޑަ ކަމެއް ނޫން!

މިއަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރަން ލާޒިމު ނޫން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވުމުން، ފުޓްބޯޅައިގެ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ. ބައްސާމް އެހެން ވިދާޅުވީ ކުރިމަގަށް ޓީމެއް ބިނާ ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މިއޮތީ ގައުމީ ޓީމުތަކެއް ބިނާ ކުރުމުގެ މަސައްކަތް ފެށިފައި، އެހެންވީމަ ބިނާ ކުރުމުގެ މަސައްކަތް ފަށާއިރު ފުރަތަމަވެސް މުބާރާތް ކާމިޔާބު ކުރުމުގެ ވިސްނުން ގެންގުޅުމަކީ، އެއީކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެދާނެ،" ބައްސާމް ވިދާޅުވެފައި ވެއެވެ.

"އަދި އަޅުގަނޑު ބޭނުން ވަނީ ކޯޗަށް ވަގުތު ދޭން، އާ ޓީމުތަކެއް ޑިވްލަޕް ވާން ވަގުތު ދޭން، އެހެންވެ އަޅުގަނޑު މި ދަންނަވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން އެއީ ކޮންމެހެން އަޅުގަނޑަށް ލާޒިމު ކަމެއް ނޫނޭ."

ޓެކްނިކަލް ވިސްނުމަކުން ބަލާއިރު ބައްސާމްގެ ވާހަކަ ރަނގަޅެވެ. ނަމަވެސް އެ ވާހަކަ އޮންނަން ވާނީ ޓެކްނިކަލް އޭރިއާ ތެރޭގަ އެވެ. މައްސަލަ އަކީ ރާއްޖޭގެ ފުޓްބޯޅަ ހިންގަވަން ހުންނެވި އެންމެ އިސްވެރިޔާ ޕަބްލިކްގައި އެހެން ވިދާޅުވުމެވެ. ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުން އެ ވާހަކަ ގަބޫލު ނުކުރާނެ ކަމަށް ހުދު ބައްސާމް ވެސް ވިދާޅުވި އެވެ.

ކުރިމަގަށް ޓީމުތަކެއް ބިނާ ކުރުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް މުބާރާތް ކާމިޔާބު ކުރަން ލާޒިމެއް ނޫނޭ އެފްއޭގެ ރައީސް ވިދާޅުވުމުން، ކުޅުންތެރިންގެ އެޓިޓިޔުޑަށް އޭގެ އަސަރު ކުރާނެ އެވެ. މުބާރާތަށް ތައްޔާރު ވާއިރު ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވިސްނޭނީ ތަޖުރިބާ ކޮށް ހުނަރު އިތުރު ކުރުމަށް ވާދަ ކޮށްލާ މުބާރާތެއް ކަމަށެވެ. ކުޅުންތެރިންގެ ސީރިއަސް އެޓިޓުޔުޑް ގެއްލުނީ އެވެ.

ދެހާސް ނުވަ ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއިން ނެރުނީ ޒުވާން ޓީމެކެވެ. އެއީ ކުރިމަގަށް ޓީމެއް ބިނާ ކުރުމަށެވެ. ނަމަވެސް އިންޑިއާގެ ފެޑްރޭޝަނުން މުބާރާތުގެ މުހިންމުކަން ކުޑަ ވާގޮތަށް ވާހަކަ ދައްކާފައެއް ނުވެ އެވެ. އަދި އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދުރާލައި އިންޑިއާގެ ޓީމުން ތައްޔާރުވި އެވެ. މުބާރާތް ކާމިޔާބު ކުރުމުގެ މުހިންމުކަން ކުޅުންތެރިންނަށް އޮތީ ވިސްނައި ދީފަ އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ދިވެހި ޓީމުގެ ސީނިއާ ކުޅުންތެރިޔަކު ބުނީ ސާފް ޗެމްޕިއަންޝިޕް ލާޒިމު ނޫން ކަމަށް އެފްއޭގެ ރައީސް ވިދާޅުވުމުން ހައިރާންކަން ލިބުނު ކަމަށެވެ.

"މުބާރާތް ކާމިޔާބު ކުރުމުގެ މުހިންމުކަން ބާއްވައިގެންވެސް ޒުވާން ކުޅުންތެރިން އުފެއްދޭނެ، ޓީމަށް ނަގާ ޒުވާން ކުޅުންތެރިންނަށްވެސް އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކުރުމުގެ ރޫހެއް ކުޅުންތެރިންގެ މެދުގައި އުފެދޭނީވެސް އޭރުން." 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ސީނިއާ ކުޅުންތެރިޔަކު ބުންޏެވެ.

ދިވެހި ފުޓްބޯޅަގެ މެނޭޖެމެންޓް ދާއިރާގެ ބޭފުޅަކު ވިދާޅުވީ ބައްސާމް ވިދާޅުވި ވާހަކަ އަކީ އެފްއޭގެ ރައީސްއަކު ދައްކަވަން ތަސަރައްފު ފުދޭ ވާހަކަ އެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ވިސްނެނީ، އެފްއޭގައި އެއްވަރުގެ ގާބިލުކަން ނެތީއޭ،" އޭނާ ވިދާޅުވި އެވެ. "ސާފް ޗެމްޕިއަންޝިޕަކީ މަސްހުނި ޓީމެއް [ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން] ގެންދިޔަޔަސް ރާއްޖެއަށް އަތުލެވޭނެ ލެވަލްގެ މުބާރާތެއް،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ހުނަރު އެބައޮތް، މަސައްކަތް ކޮށްފިއްޔާ ކުޅުންތެރިންގެ ފެންވަރު މަތި ކުރެވޭނެ، ޒުވާން ކުޅުންތެރިންވެސް ހިމނައިގެން އެ ކުޅުންތެރިންނަށް އެކަން ވާނެ ކަމަށް ވިސްނައިިދީ ކުޅުންތެރިންނަށް ހިތްވަރެއް ދޭންވީނު، ކުޅުންތެރިންނަށް ޖޯޝެއް ދޭން ވީނު، އަޅުގަނޑަށް ވިސްނޭނެ އެހެން ގޮތެއް ނެތް އެފްއޭއެމުގައި އެވަރުގެ ގާބިލު ކަމެއް ނެތީ."

ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުން ތިބީ ޓީމާ ދުރުގަ އެވެ. ދިވެހިން ކުރިން ޓީމަށް ދިން ފޯރި އާއި ހިތްވަރު ފަނޑު ވެއްޖެ އެވެ. އަލުން ސަޕޯޓަރުން ޓީމާ ހަމަޔަށް ގެނެވޭނީ ޓީމުގެ ކިބައިން ކުރިން ފެންނަ ޖޯޝާއި ހިތްވަރު ނެރެގެނެނެވެ. ނަމަވެސް އެފްއޭގެ ރައީސް އެހެން ވިދާޅުވަމުކީ ސަޕޯޓަރުންނަށް އިތުރަށް މާޔޫސްކަން ލިބޭނެ ކަމެއް ކަމަށް ވެދާނެ އެވެ.