ރިޕޯޓް

އަނެއް ދިވެހި ރާއްޖޭގެ ފެށުން!

Dec 22, 2014

އަނެއް ދިވެހި ރާއްޖެއަކަށް ކުރާ ދަތުރަކާއި ގާނޫއަސާސީީ އާއި ގާނޫނުގެ ވެރިކަމުގެ ވާހަކަ ދައްކާން ނުދަންނަ ދިވެހިން މިހާރު ވަރަށް މަދުވާނެ ދޯއެވެ؟ ރާއްޖޭގެ ގާނޫނީ ހުކޫމަތާއި ވެރިކަމުގެ ބާރާއި ސިޔާސީ ހަޔާތުގައި އަނެއް ދިވެހި ރާއްޖެއަށް ދަތުރު ފެށި ގޮތް އެނގޭ މީހުން ވެސް އެހާ މަދުވާނެ ދޯ އެވެ؟ މިއަދަކީ މީގެ 82 އަހަރު ކުރިން އައި އެ ދުވަހެވެ. ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ބަލާއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އެއް ދުވަހެއްގައި ބޮޑުވެގެންވާ ރިވޮލިއުޝަނަރީ ބަދަލުތަކެއް އަދި ދުވަހަކީ ޑިސެމްބަރުން ބާވީހެވެ. 

އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ ރަސްކަމުގެ ވެރިކަން ލިޔެވިފައިވާ ގާނޫނު އަސާސީއެއްގެ ހިޔަލަށް ވަނުމެވެ. ރާއްޖޭގެ ދައުލަތާއި ވެރިކަން ގާނޫނު އަސާސީއެއްގެ ދަށުން ހިންގާ ވެރިކަމަކަށް ބަދަލުވީ ޑިސެމްބަރު 22، 1932 ގަ އެވެ. ދެ ވަނަ ކަމަކަށް އެދުވަހަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހެއް ނުވަތަ ރައްޔިތުންގެ މަޖިލީީހެއް އަތޮޅުތަކުގެ ކަމުވޮށިގެންވާ ބޭކަލުންގެ މަޖިލީހާއެކު އުފެދުނު ދުވަހެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި އެގެޒެކްޓިވް ބާރު ހިންގުމަށް ކެބިނެޓެއް އެކުލަވައިލާ އިއުލާން ކުރި ދުވަސްވެސް މެއެވެ.

ގާނޫނު އަސާސީއަކާއެކު ރާއްޖޭގެ ރަސްކަމުގެ ވެރިކަން ހިންގާން އެއްބަސްވެވި އެ ގާނޫނު އަސާސީ އެކުލަވާލައި ޑިސެމްބަރު 22، 1932 ގައި ރަސްމީކޮށް އިއުލާންކޮށް ގާނޫނީ ހުކޫމަތު ހިނގައިިގަތީ އޭރު ދިވެހި ދައުލަތުގެ އިސްވެރިންގެ މެދުގައި އޮތް ފިނި އަދި އާއިލީ ޕޮލިޓިކްސްގައި ހުޅު ހިފައި އެކަން ބޮޑު ކަންތައްގަނޑަކަށްވެ ގާތްގަނޑަކަށް ރާއްޖެ ހުއްޓުމަކާ ހިސާބަށް ދަތުރު ފެށުމުން ޒާތެއްގެ މަޖުބޫރެއް ވެގެނެވެ. އަނެއް ދިވެހި ރާއްޖޭގެ ދަތުރު ފަށަން ޖެހުނީ އެހެންވެގެނެވެ.

ގާނޫނު އަސާސީގެ ހަޔާތަށް ބަލާއިރު ފުރަތަމަ ގާނޫނު އަސާސީއާ ހަމައިން ފެހި ގާނޫނު އަސާސީއާ ހަމައަށް އަމަލު ކުރަމުން މިދަނީ ނުވަ ވަނަ ގާނޫނު އަސާސީ އެވެ.

ލިޔެފައިވާ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ދުވަސްވަރެއްގައި ގާނޫނު އަސާސީއެއް ލިޔަން ކަނޑައެޅި އިރު އެފަދަ ގާނޫނީ އަސާސީއެއް ލިޔާނެ ނަމޫނާއެއް ވެސް ނެތެވެ. ރަދުންނަށް ޖެހިވަޑައިގަތީ އެކަމަށް ދެ ކޮމެޓީއެއް އުފައްދަވާށެވެ. ފުރަތަމަ ކޮމެޓީގެ މަސައްކަތަކަށްވީ އިނގިރޭސީ ބަހުން ހުރި ލިޔުންތައް ތަރުޖަމާކުރުމެވެ. އަނެއް ކޮމެޓީން ރާއްޖޭގެ މުސްކުޅި އާދަކާދަތައް އެކުލަވައިލީ އެވެ. އެކަން ކުރީ އިނގިރޭސީންގެ އެހީއާއެކު އެވެ.

އެ ގާނޫނު އަސާސީ ލިޔަން މުހައްމަދު ޝަމްސުއްދީނު ރަދުން ހަވާލު ކުރެއްވީ ބޮޑުންގެ ކޮމެޓީއަކާ އެވެ. ފުރަތަމަ 12 މެންބަރުން އަދި ފަހުން 14 މެންބަރުން ހިމެނުނު އެ ކޮމެޓީން މަސައްކަތް ފެށީ މާޗު 22، 1931 ގަ އެވެ. ކޮމެޓީގެ ރައީސަކީ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ނައިބު ރައީސަކީ އަލްއަމީރު ކުޑަ ރަންނަބަނޑޭރި ކިލެގެފާނެވެ.

ގާނޫނު އަސާސީ ލިޔުމުގެ ގަރާރެއް ރަދުން ނެރުއްވެވި އެވެ. ތިރީގައި އަންނަ ނަކަލީ އެ ގަރާރެވެ.

"މަގޭ ވޮނަދަނަ ރާއްޖޭގެ ދައުލަތުގެ ކަންތައްތައް ހިންގުމަށް ވަކި ގާނޫނުތަކެއް ލިޔެވި ގަރާތުވެފައި ނުވާކަމަށްޓަކައި ތިޔަ އެންމެ ކަލުން އެއްވެ މަޖިލިސްކޮށް ތިބެގެން ވާހަކަދައްކައި އިސްލާމް ދީނާ ހިލާފު ނުވާ ގޮތަށް މި ރާއްޖޭގެ މުސްކުޅި އާދަކާދައިގެ ތެރެއިން މި ޒަމާނަށް ކަމުދާން ހުރި ގޮތްތައް ލައިގެން މި ދައުލަތަށް މިހިނދަށް ލިބިފައި ހުރި ފައިސާވެރިކަމުގެ މައްޗަށް ވިސްނުން ބަހައްޓައިގެން މަގޭ ރައްޔިތުންނަށް ލުއި ކުރެވޭން ހުރި މިންވަރަކަށް ލުއިކުޅައުމަށް ބުރަވެ ތިބެގެން ބޭރުގެ ކަންކަމާ ބެހޭ ގާނޫނުތަކުގައި އިނގިރޭސި ދައުލަތާ ދެމެދުގައި އޮތް މުއާހަދާއާ ހިލާފު ނުވާނޭ ގޮތަށް ދައުލަތުގެ އެންމެހާ ކަންތައްތައް ހިންގުމުގެ ގާނޫނުތައް ހަދައި ލިޔެ ގަރާރު ކޮށްފަނީކޮށު"

ކޮމެޓީން މަސައްކަތް ނިންމައި ރަދުންނަށް އެރުވީ ޖޫން 16، 1931 ގަ އެވެ. އެ ރަސްމިއްޔާތު އޮތީ މަތިގޭގަ އެވެ. އޭގެ ފަހުން ގިނަ އިސްލާހުތަކާ އެކު ފުރަތަމަ ގާނޫނު އަސާސީ ރަދުން ތަސްދީގުކޮށް އިއުލާނުކުރެއްވީ ހާއްސަ ދަރުބާރެއްގަ އެވެ. އެ ދަރުބާރު އޮތީ މިހާރު އިސްލާމީ މަރުކަޒު އެހުރި ތަނުގައި ހުރި ދެ ދޮރާށި ދޭތެރޭ ގައެވެ. ރަސްމިއްޔާތުގައި ރަދުން އިއްވެވި ހުތުބަތުލް އަރުޝިއަށް ރައްޔިތުންގެ ފަރާތުން ވެސް ޖަވާބުދާރީވި އެވެ.

ރަދުންގެ ހުތުބަތުލް އަރުސިއަށް ރައްޔިތުންގެ ފަރާތުން ޖަވާބުދާރީވެ ވަޑައިަގަތީ އަހުމަދު ކާމިލްދީދީ އެވެ. ޖަވާބުގެ ހުތުބާގައި ވަނީ މިހެނެވެ:

"މާތްކަމާއި އިއްޒަތް އުފުލިގެންވާ މާތް ރަސްގެފާނެވެ. މިއަދު މި ދަރުބާރުގައި މަނިއްޕުޅު މިރާއްޖޭގައި ހިންގުމަށް ތިޔަ އަމުރުފުޅުކުރެއްވި ގާނޫނު އަސާސީ އަކީ މުޅި ދުނިޔޭގެ ގާނޫނުތަކުގެ މެދުގައި ވެސް ފުރަތަމަ ދަރަޖައިގައި ހިމެނޭ ގާނޫނު އަސާސީއެކެވެ. އެހާ ވެސް އޭގެ ބިނާ މާތްވެފައި އަދުލުވެރިކަން ބޮޑެވެ. މާތްކަމާއި އިއްޒަތް އުފުލިގެންވާ މާތް ސާހިބާ އެވެ. މާތް ރަސްކަލާނގެ ރަސްކަންފުޅާލައިގެން އަޅުގަނޑުމެން މިތިބީ ކިޔަމަންތެރިކަމާއި އަދި ތެދުވެރިކަމާ އެކު މަނިއްޕުޅު ދައުލަތަށާއި އަދި އެ ދައުލަތް ހިންގުމަށް މަނިއްޕުޅު އިސްކުރެއްވި ބަޔަކަށް އަބަދާއި އަބަދު ހިދުމަތް އަދާކުޅައުމަށް ތައްޔާރުވެ ހުށިޔާރުވެގެންނެވެ."

ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ބަލާއިރު އޭރުން ފެށިގެން މިހާ ހިސާބަށް އައިރު މިހާރު ހިނގަމުން މިދަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހެވެ. މި ނަމްބަރާ މެދު ހިލާފު އުފައްދާ ބޭފުޅުން ވެސް އުޅެ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާރު ދާއިރާތަކުން 86 މެންބަރުން ތަމްސީލު ކުރި ނަމަވެސް ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައިި ހިމެނުނީ 28 މެންބަރުންނެވެ. އެއީ ރަދުންގެ ހަތް މެންބަރުންނާއި މާލޭގެ ހަތަރު މެންބަރުންނާއި އިންތިހާބު ކުރާ 17 ންބަރުންނެވެ. އެ 17 މެންބަރުންނަކީ އަތޮޅުތަކުގެ ކަމުވޮށިގެންވާ ބޭފުޅުންގެ މަޖިލިސްގެ ނަމުގައި ތިއްބަވާ މެންބަރުންނެވެ.

ފުރަތަމަ ކެބިނެޓް އައީ ބޮޑުބަނޑޭރިގޭ އުސޫލުން ދައުލަތުގެ އެގްޒެކެޓިވް ޕަވާ ހިނގަހިނގާ އޮއްވަ އެވެ. އަދި އެއީ ފުރަތަމަ ގާނޫނު އަސާސީ ދިވެހި ދައުލަތަށާއި ވެރި ކަމުގެ ނިޒާމުގެ ތެރެއަށް ގެނައި ސިޔާސީ އިނގިލާބީ ބަދަލެކެވެ. ކެބިނެޓެއްގެ ގޮތުގައި މި ބަދަލު އައި ނަމަވެސް ރާއްޖޭގައި އޭރުވެސް ޒަމާންވީ ވަޒީރުންގެ ތާރީހެއް އޮތެވެ. އެ ތާރީހު ރާއްޖެ އިސްލާމްވުމުގެ ކުރިޔަށް ދަތުރު ކުރެ އެވެ.

ކެބިނެޓްގެ ރައީސް ނުވަތަ ވަޒީރުލް އައުޒަމް (ޕްރައިމިނިސްޓަރު): އަލް އަމީރުމުހައްމަދު ފަރީދު މަނިއްޕުޅު

- ވަޒީރުލް އަސްކަރިއްޔާ (ޑިފެންސް މިނިސްޓަރު): އަލް އަމީރުމުހައްމަދު ފަރީދު މަނިއްޕުޅު

- ވަޒީރުލް ޚާރިޖިއްޔާ (ފޮރިން މިނިސްޓަރު): އަލް އަމީރު ހަސަން ފަރީދު

- ވަޒީރުލް މާލިއްޔާ (ފިނޭންސް މިނިސްޓަރު): އަލްއަމީރު ހަސަންފަރީދު

- ވަޒީރުއް ދާހިލިއްޔާ (ހޯމްމިނިސްޓަރު): އަހުމަދު ކާމިލް ދީދީ

- ވަޒީރުލް މައާރިފު (އެޑިޔުކޭޝަން މިނިސްޓަރު): އަހުމަދު ކާމިލު ދީދީ

- ވަޒީރުއް ސިއްހާ (ހެލްތުމިނިސްޓަރު): އިބްރާހިމް އަލިދީދީ (އިބްރާހިމް ފާމްލަދޭރި ކިލެގެފާނު

- ވަޒީރުލް އައުގާފު (ޕަބްލިކް އެންޑަވްމަންޓް މިނިސްޓަރު): އިބްރާހިމް އަލިދީދީ (އިބްރާހިމް ފާމްލަދޭރި ކިލެގެފާނު

- ވަޒީރުލް ހައްގާނިއްޔާ (ޖަސްޓިސް މިނިސްޓަރު): ހުސައިން ސަލާހުއްދީން

- ވަޒީރުއް ތިޖާރާ (ޓްރޭޑް މިނިސްޓަރު): މުހައްމަދު އަމީނު

- ވަޒީރުއް ޒިރާއާ (އެގްރިކަލްޗަރު މިނިސްޓަރު): ގަލޮޅުގޭ މުހައްމަދު ދީދީ

- ވަޒީރުލް އަސްޣާލު (ޕަބްލިކް ވާކްސް މިނިސްޓަރު): ގަލޮޅުގޭ މުހައްމަދު ދީދީ

- ބަންޑާރަނައިބު (އެޓާނީ ޖެނެރަލް): ޝައިޚްއިބްރާހިމް ރުޝްދީ

މި ކެބިނެޓަށް ބަލާއިރު އެންމެ ހަގު ބޭފުޅަކީ 22 އަހަރުގެ މުހައްމަދު އަމީނެވެ. އެންމެ ދޮށީީ ބޭފުޅަކީ 51 އަހަރުގެ ހުސައިން ސޮލާހުއްދީނެވެ. އަމީންގެ އަނބި ކަނބަލުންގެ ބައްޕާފުޅަކީ ސޮލާހުއްދީނަށް ވުމުން ކެބިނެޓްގައި އެއީ ބާރުގަދަ ކެވެއްޔެކެވެ. ނަމަވެސް މުޅި ކެބިނެޓްގައި އެންމެ ބާރުގަދަ ދެ ވަޒީރުންނަކީ މުހައްމަދު ފަރީދާއި ހަސަން ފަރީދާ ދެބެއިންނެވެ. ހަގީގަތަށް ވެސް އެކަންވީ އެހެނެވެ.