ދިވެހި ކޮންމެ ކުޅުންތެރިޔަކަށްވެސް ގައުމީ ޓީމުގެ ދޮރު ވަނީ ހުޅުވިފަ ކަމަށާއި އެކަމަށް މަސައްކަތް ކޮށްފިނަމަ އެ ކުޅުންތެރިޔަކަށް ގައުމީ ޓީމުން ޖާގަ ދޭނެ ކަމަށް، ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ކޯޗު ކަމާ ހަވާލުވި އަފްގާނިސްތާންގެ ކުރީގެ ކޯޗު ބުނީ ގައުމީ ޓީމުން ފުރުސަތު ދިނުމުގައި ވަކި އުމުރަކަށް އޭނާ ނުބަލާނެ ކަމަށާއި އޭނާގެ ފިލޯސަފީ ގަބޫލު ކުރާ ކޮންމެ ކުޅުންތެރިޔަކު ހުންނާނީ ގައުމީ ޓީމުގައި ކަމަށެވެ.
"އަހަރެންގެ ފިލޯސަފީ އަކީ އަހަރެމެން ކުޅެނީ ހަމަހަމަ [ޑިފެންސް އަދި އެޓޭކިން] ގޭމެއް، ހުރިހާ ކުޅުންތެރިން އެއްކޮ ޑިފެންސް ކުރުން އަދި ހުރިހާ ކުޅުންތެރިން އެޓޭކަށްވެސް ކުޅެން ޖެހޭނެ،" ޝެގަޓް ބުންޏެވެ.
އޭނާ ބުނީ އަފްގާނިސްތާންގައި މަސައްކަތް ކުރިއރު ކުޅުންތެރިންގެ ފަރާތުން މެކްސިމަމް ދީފައިވާ ކަމަށެވެ.
"ޑިސޕިލިން ބޭނުންވި ވަގުތު އެމީހުން ޑިސިޕްލިން ދެއްކި، މަސައްކަތް ކުރަން ޖެހުނީނަމަ ޓީމުގެ ޓްރެއިނިން އަށްފަހު އިތުރަށްވެސް އެމީހުން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަ، އެއީވެސް އަހަރެންގެ ފިލޯސަފީއެއް ކުޅުންތެރިންގެ ވެސް ހުންނަން ޖެހޭނެ އެ މީހުންގެ ގައުމަށް ޓަކައި މަސައްކަތް ކުރުމުގެ އަޒުމެއް، އެމީހުން ކުރިއަށް ދިއުމުގެ އަމިއްލަ އަޒުމެއް އޮންނަން ޖެހޭ."
އޭނާ ބުނީ ގައުމީ ޓީމަށް ކުޅޭނެ ކުޅުންތެރިން ނިންމާނީ އޭނާ ނޫން ކަމަށާއި އެއީ ކުޅުންތެރިން އަމިއްލަ އަށް ކުރާ މަސައްކަތެއްގެ މައްޗަށް ނިންމާ ކަމެއް ކަމަށެވެ. ގައުމީ ޓީމުން ޖާގަ ހޯދަން ބޭނުންވާ ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުން ވަނީ ކޮންކަންތައްތަކެއް ފެނުން ތޯ ސުވާލު ކުރުމުން ޝެގަޓް ދިނީ މި ޖާވާބެވެ.
"އަހަރެން ބޭނުންވަނީ ކުޅުންތެރިންގެ ފަރާތުން ޕްރޮފިޝަނަލް ދިރިއުޅުމެއް، ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިން އަދި އެ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ގަބޫލު ކޮށްގެން އަމިއްލައަށް މަސައްކަތް ކުރުން،" ޝެގަޓް ބުންޏެވެ.
"ފިޒިކް ވަރަށް މުހިންމު، ޑިސިޕްލިން ވަރަށް މުހިންމު އަދި އިހްތިރާމް ކުރުން ވަރަށް މުހިންމު، އޭގެ ފަހުން ގައުމީ ޓީމުގައި އޮންނާނީ ޓެކްޓިކް ޑިފެންސިން، ... ކޮންމެ ކުޅުންތެރިޔެއްވެސް އޮންނަން ޖެހޭނެ އަހަރެން ހެން އަޒުމެއް، އަޒުމެއް ނެތިއްޔާ ނުވާނެ، ކުރިން ކުޅުންތެރިޔަކު ހުރެދާނެ އެހެން ކަމަކާ ހެދި ޓީމުން ފުރުސަތު ނުލިބިފައި މިހާރު އެހުރިހާ ކަމެއް ނިމުނީ."
"އަހަރެން ކޮންޓްރެކްޓްގައި ސޮއި ކުރި ހިސާބުން ދިވެހި ކޮންމެ ކުޅުންތެރިޔަކަށް ވެސް ގައުމީ ޓީމުން ފުރުސަތު އޮންނާނެ، އެ ކުޅުންތެރިޔެއްގެ އުމުރަކަށް އަހަރެން ނުބަލާނަން، އެ ކުޅުންތެރިޔަކަށް އަހަރެމެންގެ ޓީމަށް އެހީވެދެވޭނެ ކަމަށް އަހަންނަށް ފެންނަޏާ އަހަރެން އެ ކުޅުންތެރިޔަކަށް ފުރުސަތު ދޭނަން."