ކުޅިވަރު

މިހާރުގެ ކުޅުންތެރިންނަށް ޒަމާނީ ފުޓްބޯޅައެއް ނޭނގޭ!

ފުޓްބޯޅައިގައި ކުރިއަށް ދެވޭނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށާއި ނަމަވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހުމުން މިހާރުގެ ޒުވާން ކުޅުންތެރިން ކަންބޮޑުވާ ކަމަށް ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ބުނެފި އެވެ.

މާލޭ ލީގްގައި ވިކްޓަރީ މިއަދު ނިކުންނާނީ މާޒިއާ ދެކޮޅަށެވެ. ހަންގޭރީގެ ކޯޗު ބުނީ މާޒިއާގެ ގޭމް ވަރަށް ރީތި ކަމަށާއި އަދި އެ ޓީމުގައި އޮތީ ވެސް ޒުވާން ރަނގަޅު ސްކޮޑެއް ކަމަށެވެ. ޓީސީއާ ދެކޮޅަށް މިދިޔަ ހަފުތާގައި ލިބުނު މޮޅާއެކު އޭނާގެ ޓީމު، ވިކްޓަރީ ވެސް އޮތީ މެންޓަލީ ރަނގަޅު ރޫހެއްގައި ކަން ތަޖުރިބާކާރު ކޯޗް ފާހަގަ ކުރި އެވެ.

"ނަމަވެސް ބައެއް ކުޅުންތެރިން މެންޓަލީ ވިސްނުން ރަނގަޅެއް ނޫން މާ ބުރަކޮށް މަސައްކަތް ކުރަން ޖެހުނީމަ އެމީހުންނަށް ކަމަކު ނުދޭ، މިހާރުގެ ދިވެހި ޒުވާން ކުޅުންތެރިންނަށް ޒަމާނީ ފުޓްބޯޅައެއް ނޭންގޭ،" މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ރާއްޖޭގައި މަސައްކަތް ކުރި ކޯޗު ބުންޏެވެ. "އަހަރެމެން ބުރަކޮށް މަސައްކަތް ކޮށްގެން ހުރިހާ މެޗަކުން މޮޅުވުން އެއީ ޓާގެޓެއް."

މާލޭ ލީގް ފެށުނީން ސުރެ ރެފްރީންނަށް ފާޑު ކިޔާ ކޯޗު ބުނީ ދިވެހި ރެފްރީން ވިކްޓަރީއަށް އިހްތިރާމު ނުކުރާ ކަމަށެވެ. ތިން މެޗުގައިވެސް ރެފްރީންގެ ފަރާތުން ވިކްޓަރީއަށް މައްސަލަ ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

ކިސް ބުނީ މާޒިޔާގައި އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި އަދި އެ ޓީމުގައި ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އިންމަ ބުނީ އެންމެ ފަހުން ލިބުނު މޮޅާއެކު މާޒިއާ އޮތީ ރަނގަޅު ރޫހެއްގައި ކަމަށާއި ކުޅުންތެރިންނަށް ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށެވެ. އޭނާ ބުނީ ވިކްޓަރީގައި ކުރިން މާޒިޔާއަށް ކުޅެފައި ތިބި ކުޅުންތެރިނާއި، އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިންނާ މެދު ވަރަށް ރަނގަޅަށް ސަމާލު ވާނެ ކަމަށެވެ.

މާޒިޔާ އާއި ވިކްޓަރީ ކުޅޭ މެޗު ފަށާނީ ރމިއަދު ހަވީރު އެވެ. ކިސް ވަނީ ހަވީރު ކުޅެން ޖެހޭތީ ހޫނު ގަދަ ކަމުން އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.