ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް އެކުވެރި ރަހުމަތްތެރި ކަމާއި މުއާމަލާތްތައް ބަރާބަރަށް އެބަ އޮތް ކަމަށާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށާއި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރޭ މިނިސްޓަރ ޝަރީފް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ގާތް ގުޅުމެއް ކަމަށާ އެ ގުޅުމަށް ބުރުލެއް ނާރާ ބަދަހިކޮށް އެބަ އޮތް ކަމަށެވެ.
"ރާއްޖެއާއި އިންޑިއާއާއި ދެމެދު ކުރިއެކޭ އެއްގޮތަށް ހުރިހާ މުއާާމަލާތެއް ކުރިއަށްދޭ އަދި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ވެސް އިންޑިއާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނެތް" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް ހެޔޮއެދޭ ގައުމެއް ކަމަށާއި، ރާއްޖެއަށް ދިމާވާ ދަތި ކޮންމެ ހާލަތެއްގައި ބޮޑެތި އެހީވެދޭ އިރު މިވަގުތު ރާއްޖެއިން އެދެނު ނަމަވެސް އެދޭ އެހީއެއް ފޯރުކޮށްދޭން އިންޑިއާ އޮންނާނީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން އަބަދުވެސް އިންޑިއާގެ މަސްލަހަތަށް އިސްކަން ދޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.