ހަބަރު

އަނިޔާ ލިބޭއިރު އެޗްއާރްސީއެމްއިން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: އެމްޑީޕީ

ހައްޔަރުކޮށްފައިވާ މީހުންނަށް ލިބެމުންދާ އަނިޔާތަކާއި ހައްގުތައް ރަައްކާކޮށް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފި އެވެ.

އެޗްއާރްސީއެމްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށްފަހު އެ ކޮމިޝަނުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާ ޕާސަން ހަސަަން ލަތީފް ވިދާޅުވީ، ޖަލު ތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުންގެ ހައްގުތަކެއްވާ ކަމަށާއި އެ ހައްގުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެޗްއާރްސީއެމްގެ މަސައްކަތަކީ ހަމައެކަނި ތަންތަނަށް ގޮސް ބަލައި އޮބްޒާވް ކުރުން ނޫން ކަމަށާއި އެބޭފުޅުންގެ ޒިންމާ އަކީ ޖަލުތަކުގައި އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ކަން ރައްޔިތުންނަށް ބުނެދިނުން ކަމަށް ހަސަން ވިދާޅުވި އެވެ.

"އެޗްއާރްސީއެމުން ބުނަނީ ކަސްޓޯޑިއަލްގައި ތިބޭ ފަރާތްތަކަށް ބުނަމޭ ރަނގަޅު ކުރަން، އެމީހުން ބުންޏޭ ރަނގަޅު ކުރާނަމޭ، ނަމަވެސް އެހާ ހިސާބުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސައްކަތް ނުނިމެ، އެމައްސަލަ އަނެއްކާވެސް ބައްލަވާށޭ، އެކަން ރަނގަޅު ނުކޮށް ހުރިއްޔާ ފިޔަވަޅު އަޅަން ޖެހޭ ފަރާތަކާމެދު ފިޔަވަޅު އަޅާށޭ، އެކަން ނުކުރެވިގެން އެއުޅެނީ ކީއްވެގެންތޯ، އެކަން ނުކުރެވެންޏާ ގެއަށް ވަޑައިގަންނަވާށޭ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، އެޗްއާރްސީއެމުން ޖަލު ބަލަހައްޓަމުންދާ ފަރާތްތަކުން ކަންކަން ރަނގަޅު ނުކުރާ އެބޭފުޅުންނާމެދު ފިޔަވަޅު ނާޅާނަމަ، ދެކޭނީ އެކަމުގައި ބައިވެރިވާ ކަމަށެވެ. އަދި އެކަންކަމާމެދު ފިޔަވަޅު ނާޅާނަމަ އިދިކޮޅުގެ މެޖޯރިޓީ މަޖިލީހުގައި ލިބޭއިރު އެކޮމިޝަނުގައި އެބޭފުޅުން ނުތިއްބަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެޗްއާރްސީއެމްގެ ބޭފުޅުން ކައިރީގައި ރަނގަޅު ކުރަން ބުނި ބައެއް ކަންކަން ރަނގަޅު ކުރަމުން އެބަ ގެންދަވާ ނަމަވެސް އެބޭފުޅުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެޗްއާރްސީއެމަށް ގަވާއިދުން މައްސަލަ ހުށަހަޅަމުން މިގެންދަނީ،،" ހަސަން ވިދާޅުވި އެވެ.

ހަސަން އިތުރަށް ވިދާޅުވީ، ނެޝަނަލް އިންޓެގްރިޓީއަށް ގާނޫނާ ހިލާފަށް މަސައްކަތް ކުރާ ވަކި ވަކި ފުލުހުންގެ މައްސަލަ ހުށަހެޅިފައިވާނެ ކަމަށެވެ. އަދި އެފަރާތްތަކުގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނުން ނުބަލާނަމަ އެބޭފުޅުންނާ ދެތެރޭ ފިޔަވަޅު އަޅަންވެސް ކުރަން ހުރި ކަމެއް ކުރާނަނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ، އެންޓި ޓޯޗާ ގާނޫނަށް ފުލުސް ކަސްޓޯޑިއަލުން އަމަލު ކުރޭތޯ ބެލުމަކީ އެޗްއާރްސީއެމްގެ ޒިންމާއެއް ކަމަށެވެ. އަދި ވިދާޅުވީ، ކަސްޓޯޑިއަލްއަށް މެެންބަރުން ޒިޔާރަތް ކުރުމަކުން ނުނިމޭނެ ކަމަށާއި އެކަންކަން ރަނގަޅުކޮށްދޭން އެދެވޭ މަސައްކަތެއް ކޮށްދޭން ޖެހޭ ކަމަށެވެ.

"އެޗްއާރްސީއެމްގެ ބޭފުޅުން ވިދާޅުވަނީ ކަންކަން ރަނގަޅުވާނޭ، އެކަމަކު އެއްވެސް ކަމެއް ރަނގަޅުވާ ތަނެއް ފެނިގެން ނުދޭ، ރަނގަޅު ކުރަން ބުނުމުން ކަސްޓޯޑިއަލްގައި ތިބޭ ފުލުހުން އެކަން ރަނގަޅު ނުކުރާނަމަ އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ، އެކަކާ ދޭތެރޭވެސް ފިޔަވަޅު އަޅައިފިނަމަ ދެން ތިބި ހުރިހާ އެންމެންވެސް ހަމަ މަގަށް އެޅޭނެ،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ، ޖަލުގައި ހުންނަވާ ޑޮކްޓަރު ވެސް ވަރަށް ހަރުކަށިކޮށް އަމަލު ކުރަމުން ގެންދަނީ، އޭނާގެ މައްސަލަ ވެސް އެޗްއާރްސީއެމާއި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި އޭނާގެ މައްސަލަ އިންޑިއާގެ ހައިކޮމިޝަނަށް މިހާރު ހުށަހަޅާފައިވާނެ ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.

އެދެވޭ ގޮތެއްގައި އެޗްއާރްސީއެމުން މަސައްކަތް ކުރަމުންނުދާ ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފައިވާއިރު، އެމްޑީޕީގެ އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ބަހައްޓާފައިހުރީ ވަކިން ހުންނަ ހޫނު ގޮޅިއެއްގައި ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެގޮތުން އިބޫއާ ހަވާލުކުރުމަށް އާއިލާއިން ފޮނުވި އަންނައުނު އާދީއްތަ ދުވަސްވީއިރުވެސް ލިބިވަޑައިގެންފައިނުވާތީވެ، ބޭނުންކުރައްވަމުން ގެންދަވަނީ 16 ވަނަ ދުވަހުގެރޭ ޕެޕާސްޕްރޭވެސް ޖަހާފައިވާ ހެދުން ކަމަށެވެ. އަދި އިބޫ ހުންނަވަނީ ވަކިން ހުންނަ ގޮޅިއެއްގައި ކަމަށާއި އެއީ ކޮންމެ ދުވަހަކު ހެނދުނު 9 ން މެންދުރު 3 ޖަހަންދެން އަވިދޭ ތަނަކަށްވެފައި އެތަނުގައި ހުރި ފަންކާ މަސައްކަތް ނުކުރާތީ ގޮޅި ވަރަށް ހޫނު ގަދަ ކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ.