ކުޅިވަރު

ބްރޭކުގެ ކުރިން މާޒިޔާ ރަނގަޅު ހިސާބަކަށް

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އިންޓަނޭޝަނަލް ބްރޭކުގެ ކުރިން މާޒިޔާ ތާވަލުގެ ދެވަނަ މާގަމަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ހާފު މާޒިޔާއިން ނިންމާލީ، ދެ ލަނޑުގެ ލީޑަކާ އެކު އެވެ. މާޒިޔާގެ ފުރަތަމަ ލަނޑަކީ، މެޗުގެ 38 ވަނަ މިނެޓްގައި ވިކްޓަރީގެ ޑިފެންޑަރު އަލީ ޝާމިޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މާޒިޔާގެ ދެ ވަނަ ލަނޑު 42 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓެވާޓެވެ. ވިކްޓަރީގެ ކޯޗް ލާޒްލޯ ކިސް ބުނީ، އެ ލަނޑަކީ ކަމަށް ކަނޑައަޅައިގެން ވާނެ ލަނޑެއް ނޫން ކަމަށެވެ. ކިސް ބުނީ ލަނޑު ޖެހިއިރު ސްޓެވާޓް ހުރީ އޮފްސައިޑްގައި ކަމަށެވެ.

"މިއަދު އެ މޮޅުވީ މޮޅަށް ކުޅެގެނެއް ނޫން، ދެ ވަނަ ގޯލް ޖެހިރު ހުރީ ފަސް މީޓަރު އޮފްސައިޑްގައި، މި ރެފްރީ އާއި ލައިސްމަން ބަލަނީކީ ނޫން ފަސް މީޓަރު އޮފްސައިޑް ވެފައި ވަނީ، [ވިކްޓަރީގެ] ކީޕަރާއި [މާޒިޔާގެ] ސްޓައިކަރާ ހުރީ ވަރަށް ކައިރީގައި،" މެޗަށް ފަހު ވާހަކަ ދައްކަމުން ހިތް ހަމަނުޖެހިފައި ހުރެ ކިސް ބުންޏެވެ.

ދެ ވަނަ ހާފުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާނެ ތަނަވަސް ފުރުސަތުތައް ލިބިގެން ގޮސްފަ އެވެ. އިސްމާއީލް އީސާ އަށާއި ހަސަން ނާއިޒު (ދާދު) އަދި ސްޓެވާޓަށް ފުރުސަތުތައް ލިބިގެން ދިޔަ އެވެ. ދެ ވަނަ ހާފުގައި ސްޓެވާޓަށް ލިބުނު ފުރުސަތެއްގައި ވިކްޓަރީގެ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން، އެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން ވިކްޓަރީގެ ދެ ޑިފެންޑަރުން ކައިރިިން ނައްޓާލާފައި ނާއިޒު ހަސަން އަށް ލިބުނު ބޯޅަ އޭނާ ވަރަށް ފަސޭހަ ކަމާއެކު ފޮނުވާލީ ވީކްޓަރީގެ ގޯލްގެ ކަނަށް ވާ ގޮތަށެވެ. ނަމަވެސް ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން ވަނީ ވެއްޓިގެންފައި އެ ބޯޅަ ދިފާއު ކޮށްފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު މެޗުގެ 91 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު އިރުފާން (އިރޭ) އެވެ. މާޒިޔާގެ ކުޅުންތެރިން ފުލުފުލުގައި ދެ ހަމަލާއެއް ފޮނުވާލުމުން ވިކްޓަރީގެ ޑިފެންސުން އެބޯޅަ ދިފާއު ކުރި އެވެ. އޭރިއާ ތެރޭގައި ހުރެފައި ގޯލްގެ މަތީ ދާގަނޑަށް އިރޭ ބޯޅަ ފޮނުވާލީ ދެ ވަނަ އަށް ފޮނުވާލި ހަމަލާ ދިފާއު ކުރުމުން ރީބައުންސް ވެގެން އައި ބޯޅަ އެވެ.

މާޒިޔާގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ބުނީ، ބްރޭކުގެ ކުރިން ރަނގަޅު ނަތީޖާއަކުން މޮޅެއް ލިބުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ބްރޭކުގެ ފަހުންވެސް މޮޅުވުމުގެ ރޭސް ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށް ކުރީގެ މިޑްފީލްޑަރު ބުންޏެވެ.