ހަބަރު

ޕީޖީއާ ހެދި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅަން ދަތިވި: އޭސީސީ

Mar 19, 2018
11

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ބައެއް މައްސަލަތައް އެކަށީގެންވާ ގާނޫނީ ސަބަބެއްނެތި ދައުވާ ނުކުރަން ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި، އެކޮމިޝަނަށް ދިމާވި ގޮންޖެހުންތައް ހާމަކޮށް 12 ކަމެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން އެ ކޮމިޝަނުން ތަހުގީގު ހިންގާ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކާ ގުޅިގެން ދައުވާ ކުރުމާމެދު ލަސްވެގެންދިއުން ފާހަގަ ކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތައް އެކަށީގެންވާ ގާނޫނީ ސަބަބެއްނެތި ދައުވާ ނުކުރަން ޕީޖީން ނިންމުމުގެ ސަބަބުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް އެކޮމިޝަންގެ ރިޕޯޓްގައި ވެއެވެ.

ރިޕޯޓްގައި ވަނީ، ކޮމިޝަނުން ހިންގި ތަހުގީގު ތަކަށް ބޭނުންވި ލިޔެކިއުންތަކާއި މައުލޫމާތު ހޯދަން ދައުލަތުގެ ބައެއް އިދާރާތަކުން އެންމެ އެކަށީގެންވާ އެއްބާރުލުންދީފައި ނުވާ ކަމަށެވެ. އަދި އެ ކޮމިޝަނުގެ ތަހުގީގު ތަކަށް ހާޒިރު ކުރަން ބޭނުންވި ބައެއް ފަރާތްތައް ހާޒިރު ކުރުމުގައި ދަތިވުމުގެ ސަބަބުން ބައެއް މައްސަލަތައް ނިންމުމުގައި ލަސްވެގެން ގޮސްފައިވާ ކަމަށްވެސް އެކޮމިޝަނުގެ އަހަރީ ރިޕޯޓްގައި ވެއެވެ.

އަހަރީ ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވަނީ، މާލީ ދަތިތަކާހުރެ އެކޮމިޝަނުގެ ބައެއް މަސައްކަތްތައް ކުރުމަށް ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް ހަލުވިކަމާއި ގާނޫނުން ލާޒިމްކުރާ މަސައްކަތްތައް ހަލުވިކަމާއެކު އަދާކުރުން މަގުފަހި ކުރުމުގެ ގޮތުން އެކޮމިޝަނުގެ ގާނޫނުތަކާއި ގާނޫނުލްއުގޫބާތްތަކަށް ހުށަހެޅި އިސްލާހުތައް ފާސްނުވެ ދިގުލައިގެން ގޮސްފައިވާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.