ރާއްޖެ ކުޅިވަރު

ވޯލްޑް ކަޕް ކޮލިފައިންގެ ތައްޔާރީތައް ރަސްމީކޮށް ފަށައިފި

އަންނަ މަހު ފަށާ އޭޝިއާގެ ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުގައި ވާދަކުރާ ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ތައްޔާރީތައް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

ރާއްޖޭގެ ވޯލްޑް ކަޕް ކޮލިފައިން ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު އޮލިމްޕަސް ސިނަމާ ކުރިމަތީގައި ބޭއްވި "ވޯލްޑް ކަޕް ކޮލިފައިން ކިކް އޮފް"ގައި ރާއްޖޭގެ ކެމްޕޭން ރަސްމީކޮށް ލޯންޗްކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ކޮލިފައިންގައި ވަރުގަދަ ގުރޫޕެއްގައި ރާއްޖެ އޮތް ނަމަވެސް، ދިވެހި ސަޕޯޓަރުންގެ އެހީތެރިކަމާއެކު ރާއްޖެއާ ދެކޮޅަށް ނުކުންނަ ޓީމުތައް ބަލިކުރެވޭނެ ކަމށް ގަބޫލްކުރާ ކަމަށެވެ.

"ތަމްރީންތާއެކު އަޅުގަނޑުމެންނަށް އޭއެފްސީ ޗެލެންޖް ކަޕް ވެސް ހޯދި ގޮތަށް ރަނގަޅު ކާމިޔާބެއް (ވޯލްޑް ކަޕް ކޮލިފައިންގައި) ހޯދޭނެ. ޗެލެންޖް ކަޕްގައި ވެސް އަޅުގަނޑުމެން އޮތީ ވަރުގަދަ ޓީމުތަކެއް އޮތް ގުރޫޕެއްގައި. ޗައިނާ، ހޮންކޮންގް، ގަތަރު އަދި ބޫޓާން އަޅުގަނޑުމެންނަށް ބަލިނުކުރެވޭނެ ސަބަބެއް ނެތް. އެ ހުނަރު އަޅުގަނޑުމެންގެ ޓީމުގައި އެބަހުރި، އެ ހިތްވަރު އެބަހުރި. އަދި ހާއްސަކޮށް 12 ވަނަ މީހާގެ އެހީތެރިކަމާއެކު ޗައިނާ ކަހަލަ ގައުމެއް އަޅުގަނޑުމެން އަތުން ބަލިވުމަކީ ކޮންމެ ދިވެހި ރައްޔިތެއް ވެސް ދެކެން ބޭނުންވާނެ ދުވަހެއް،" މަލީހު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާޢި ކޯޗުގެ އިތުރުން، އެފްއޭއެމްގެ އިސް ވެރިން ވެސް ބައިވެރިވަޑައިގަތެވެ.

ކޮލިފައިންގެ ގުރޫޕް ސީގައި ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ މި ގުރޫޕްގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ގަތަރާ ދެކޮޅަށެެވެ. އަދި ދެވަނަ މެޗުގައި އަންނަ މަހުގެ 16 ވަނަ ދުވަހު ހޮންކޮންގްއާ ދެކޮޅަށް ރަށުން ބޭރުގައި ނުކުންނާނެ އެވެ. މި ގުރޫޕްގައި ދެން އޮތީ ޗައިނާ އާއި ބޫޓާނެވެ.

ކޮލިފައިން ބުރަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 19 ވަނަ ދުވަހު ޓްރެއިނިން ކޭމްޕަކަށް ދެކުނު ކޮރެއާ އަށް ގައުމީ ޓީމު ފުރާނެ އެވެ.