ހަބަރު

ޕުޓިންއަށް ރައީސް ޔާމީން މަރުހަބާ ވިދާޅުވެއްޖެ

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެ ގައުމުގެ ރައީސްކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޔާމީން ފޮނުއްވި މެސެޖްގައި ވިދާޅުވީ، ޕުޓިން ރައީސްކަމުގެ އިތުރު ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމުން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޕުޓިނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ރަޝިޔާގެ ރައީސަށް ލިބިވަޑައިގަތް ކާމިޔާބީއަކީ އެމަނިކުފާނުގެ ހިންގެވުމަށް ރަޝިޔާގެ ރައްޔިތުންގެ ފަރާތުން ލިބިފައިވާ އިތުބާރާއި ޔަގީންކަން ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕުޓިން ގެ ޒައާމަތުގައި، ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އެގައުމު ކުރިއަރައިދިއުމަށް ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި ބައިނަލްއަގްވާމީ މައިދާނުގައި މިހާރަށްވުރެ ފުރިހަމައަށް ފައިތިލަ ސާބިތު ކުރާނެ ކަމުގައި ޔަގީން ކުރައްވާ ކަމަށެވެ.

ރައީސްގެ މެސެޖްގައި، ޕުޓިންގެ ރައީސްކަމުގެ އާދައުރުގައި، ރާއްޖެ އާއި ރަޝިޔާއާ ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި ދެ ގައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި ރަޝިޔާގެ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައިވެ އެވެ.