ހަބަރު

މިހާރު ހިންގާ ޝަރީއަތްތައް ސައްހައެއް ނޫން، މަޑުޖައްސާލަންޖެހޭ: މަހުފޫޒް

ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑް ކޮށްފައިވަނިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީއާ ގާނޫނުތައް ހުއްދަކުރާކަމެއް ނޫން ކަމަށާއި އެއްވެސް ޝަރީއަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު ވަކީލުން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ނެތި ޝަރީއަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެ ޝަރީއަތްތައް ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށެވެ. ޝަރީއަތްތައް ސައްހަ ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ހާލަތުގެ ދަށުން ހައްޔަރުކުރި ބޭފުޅުންގެ ބަންދާމެދު މިހާރު ގޮތް ކޯޓުން ނިންމަމުންދާއިރު އެ ބޭފުޅުންގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ނުހިނގަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ޝަރީއަތް ހިންގަނީ އެ ގާނޫނުން ލިބޭ އެއްވެސް ހައްގެއް ނުދީ އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑް ކޮށްފައިވަނިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީ ވެސް އަދި ގާނޫނުތައް ވެސް ހުއްދަކުރާކަމެއް ނޫން، އެހެންކަމުން މިހާރު ކުރިއަށްގެންދާ ޝަރީއަތްތަކަކީ އެއްވެސް ގޮތަކަށް ސައްހަވާނެ ޝަރީއަތްތަކެއް ނޫން، ޝަރީއަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ ވިދާޅުވާންޖެހޭނެ،" މަހުފޫޒް ވިދާޅުވި އެވެ.

މަހުފޫޒް ވިދާޅުވީ، ގާނޫނެއްގައި ޝަރީއަތް ކުރެވޭނެ ވަކިގޮތެއް ބަޔާންކޮށްފައިނެތުމުން، އެ ފަނޑިޔާރަކަށް އެ ޝަރީއަތް ހިންގޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެ އުސޫލުތައް އަބުރާ ރުޖޫއަވަންދެން އެ ޝަރީއަތްތައް މަޑުޖައްސާލަން ޖެހޭނެ ކަމަށެވެ.

ފާރިސް މައުމޫންގެ ބަންދާއި ގުޅޭގޮތުން މަހުފޫޒް ވިދާޅުވީ، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ފާރިސް މައުމޫން ބަންދުގައި ގެންގުޅެނީ އެއްވެސް އުސޫލެއް ނެތި ކަމަށާއި ފާރިސް މައުމޫނާއި ދެކޮޅަށް އެއްވެސް ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ފާރިސް މައުމޫން ބަންދުގައި ގެންގުޅެނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މީހަކު ބަންދުކުރެވޭނެ ގޮތް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައި. އެއީ އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ކާފީ ހެކިތަކެއް ހުރެފައި، އަދި އެ މީހެއްގެ ސަބަބުން މުޖުތަމައުއަށް ނުރައްކާވެދާނެތީ ވެސް،" މަހުފޫޒް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް ބަންދާމެދު ކަންބޮޑުވުންފާޅުކޮށް މަހުފޫޒް ވިދާޅުވީ، ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށާއި ރިޔާޒްގެ ވަކީލުންނަށް އެންގުމަކާއިނުލާ އޭނާ މާފުށި ޖަލަށް ބަދަލު ނުކުރެވޭނެކަމަށް ވެސް މަހުފޫޒް ވިދާޅުވި އެވެ.

އިޖްރާއަތުގެ ގާނޫނާ ނުލައި ޝަރީއަތް ނުހިންގޭނެ ކަމަށް މަހުފޫޒް ވިދާޅުވެފައިވާއިރު، އިއްޔެ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު، އުއްތަމަ ފަނޑިޔާރުގެ ވަކީލް ހުސްނުއް ސުއޫދު ވަނީ ޝަރީއަތް ހިންގަނީ ކޮން އިޖުރާއަތަކުންތޯ އައްސަވާފަ އެވެ. އެއާއެކު ގާޒީ ވިދާޅުވީ ޝަރީއަތް ހިނގަނީ އާންމު އިޖުރާއަތުގެ ދަށުން ކަމަށެވެ.

އެކަމާ ގުޅިގެން ވަކީލް ސުއޫދު ވަނީ އާންމު އިޖުރާއަތަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. ލިޔެފައިވާ އުސޫލެއް ނެތި ހިންގާ ކޮންމެ ޝަރީއަތެއް ވާނީ އާބިޓްރޭޝަން ޝަރީއަތަކަށް ކަމަށް ވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ވެސް ހިލާފު ކަމެއް ކަމަށެވެ. އެ މާއްދާގައި ބުނަނީ ފަނޑިޔާރުން ޝަރީއަތް ހިންގަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ މަތިން ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން ގާޒީ ވިދާޅުވީ ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަސްޕެންޑްކޮށްފައިވާ ޖިނާއީ އިޖުރާއަތުގައިވާ އެއްވެސް ހައްގެއް ނުލިބޭނެ ކަމަށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ތުހުމަތު ކުރާ އަމަލަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގައި ފާހަގަކޮށްފައިވާ ސަބަބެއް ކަމަށްވާތީ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ނެތް އިރު ވެސް ޝަރީއަތްތައް ހިންގެވި ކަމަށް ގާޒީ ވިދާޅުވި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން އަމަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.