ހަބަރު

ކްރިމިނަލް ކޯޓުން ސުއޫދު ސަސްޕެންޑްކޮށްފި

އުއްތަމަ ފަނޑިޔާރުގެ އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކްރިމިނަލް ކޯޓުން ސަސްޕެންޑްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ، ދައުލަތުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހުށަހަޅާފައިވާ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން، މިދިޔަ އާދިއްތަ ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑު އެހުމާ ގުޅޭގޮތުން މީޑިއާގައި ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ސުއޫދުގެ ބަލަމުންދާ މައްސަލައެއް ކަމަށް ބަޔާން ކޮށްފައިވަނީ، އުއްތަމަ ފަނޑިޔާރުގެ މައްސަލާއާމެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށާއި އާންމު މީޑިއާ މެދުވެރިކޮށް އެ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވާތީ އާއި ކްރިމިނަލް ކޯޓާއި އެކޯޓުގެ ގާޒީންނާމެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ކޯޓުގެ ހުރުމަތް ކެނޑޭހެން ހަގީގަތާއި ހިލާފު ވާހަކަތައް މީޑިއާ އަށް ދިން ކަމަށް ބުނާ މައްސަލަ އެވެ.

އެމައްސަލާގައި ކޯޓަށް ހާޒިރުވުމަށް އަންގާ ސުއޫދަށް ފޮނުވާފައިވާ ޗިޓާއި ހަވާލުވުމަށްފަހު ސުއޫދު ކޯޓަށް ހާޒިރުވެވަޑަގެންފައިނުވާ ކަމަށާއި އެހެންކަމުން ސުއޫދު ވަނީ އޭނާއަށް ޖަވާބުދާރީވުމަށް ދީފައިވާ ފުރުސަތު ދޫކޮށްލާފައި ކަމަށް އެ ކޯޓުން ބުންޏެވެ.

އެ މައްސަލާގައި ވަކިގޮތެއް ކަނޑައަޅަންދެން މިއަދުން ފެށިގެން އެކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ބަލައިނުގަތުމަށް ނިންމައިފައިވާ ކަމަށެވެ.

ސުއޫދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި، ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން އެ ޕެޓިޝަންގައި ސޮއި ކުރުމުން ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.