ހަބަރު

ގާޒީންނާމެދު ނަފުރަތު އުފެދޭ ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅަނީ

Mar 20, 2018
12

ކްރިމިނަލް ކޯޓާއި އެ ކޯޓުގެ ގާޒީންނާއި ގުޅޭ ގޮތުން، އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކޯޓުންދީފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކޯޓުން ހުށަހަޅާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ސައީދުގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދެވޭނީ ޖިނާއީ ކޮން އިޖުރާއަތަކާ ގުޅިގެންކަން ދިފާއުން ސުވާލު ކުރެއްވުމުން އެމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ފަރާތެއް ބަޔާންކޮށްދީފައިވާނެ ކަމަށެވެ.

"އެގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ އެގަރާރުން އަމަލުކުރުން ހުއްޓާލެވިފައިވާ ގާނޫނަކަށްވީ ނަމަވެސް އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ ކުރެވިފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވޭނީ އެ ގަރާރުގައި ބަޔާންކޮށްފައިވާ ހުދޫދުގައި މިނިވަން އިންސާފުވެރި ޝަރީއަތް އަބްދުﷲ ސައީދަށް ލިބިގެންވާކަން ޝަރީއަތަށް ކަވަރުވާ ގޮތުގެ މަތިން ރާއްޖޭގައި އަމަލު ކުރަމުންދާ އާންމު އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އެ މައްސަލާގައި މިވަގުތު ޝަރީއަތް ކުރިއަށްދަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ މުއްދަތު އިތުރު ނުކޮށްފިނަމަ އެގަރާރުން ހަނިކުރެވިފާ ހައްގުތައް ހަނިކުރެވިފައިވާ ހަނިކުރުން އެދުވަހުން ފެށިގެން ނިމުމަކަށް އަންނާނެކަން ތަކުރާރުކޮށް ޝަރީއަތުން ސާފުކޮށްދިން ކަމަށެވެ. ނަމަވެސް މައްސަލައިގެ ޝަރީއަތް ނިމުމުން އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުން މި މައްސަލަ ބަލާ ގާޒީ މައްސަލަ ކުރިއަށްގެންދަނީ ހިތު ހުރި ގޮތަކަށް ކަމަށް ވިދާޅުވެ ފަތުރާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވެއެވެ.

"މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން ކޯޓާއި ކޯޓުގެ ގާޒީންނާ މެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ކޯޓުގެ ހުރުމަތް ކެނޑޭނޭހެން ވާހަކަދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނަން،" ބަޔާނުގައި ވެއެވެ.

ކުރިމިނަލް ކޯޓުން މިއަދު ވަނީ އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު ސަސްޕެންޑްވެސް ކޮށްފަ އެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ، އުއްތަމަ ފަނޑިޔާރުގެ މައްސަލާއާމެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށާއި އާންމު މީޑިއާ މެދުވެރިކޮށް އެ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވާތީ އާއި ކްރިމިނަލް ކޯޓާއި އެކޯޓުގެ ގާޒީންނާމެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ކޯޓުގެ ހުރުމަތް ކެނޑޭހެން ހަގީގަތާއި ހިލާފު ވާހަކަތައް މީޑިއާ އަށް ދިން ކަމަށް ބުނާ މައްސަލައިގަ އެވެ.