މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންތަކެއް ރިޝްވަތުގެ ގޮތުގައި 400 މިލިއަނެއްހާ ރުފިޔާ ނަގާފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް ތުހުމަތު ކުރެވޭ ބައެއް އޮފިސަރުން ރިޓަޔާކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ކަސްޓަމްސް އިން ދޮގުކޮށްފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އެ އިދާރާގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން މަނީ ލޯންޑްރިން، ހިޔާނާތް އަދި ރިޝްވަތާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ހިދުމަތުން އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.
މިގޮތުން ތަހުގީގުގައި ހިމެނޭ އޮފިސަރުން ކަމަށް އެ ހިދުމަތުން [ފުލުހުން] މައުލޫމާތު ދެއްވާފައިވާ އެއްވެސް އޮފިސަރެއް މި ސާވިސްއިން ރިޓަޔާކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ،" ކަސްޓަމްސް އިން މީޑިއާއަށް ފޮނުވި ކުރު މެސެޖެއްގައި ބުނެފައިވެ އެވެ.
ރިޝްވަތުގެ ތުހުމަތު ކުރެވޭ ކަސްޓަމްސްގެ އެއްވެސް އޮފިސަރަކު ރިޓަޔާކޮށްފައި ނުވާ ކަމަށް އެ އިދާރާ އިން ބުނި ނަމަވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެކަމުގައި އެންމެ އިސްކޮށް އުޅުނު ބައެއް އޮފިސަރުން މިހާރު ވަނީ ރިޓަޔާކޮށްފަ އެވެ.
ކަސްޓަމްސް އޮފިސަރުންތަކެއްގެ ރިޝްވަތުގެ މައްސަލަ އިއްޔެ ސޯޝަލްމީޑިއާގައި ފެންމަތިކުރުމުން ފުލުހުން އިއްޔެ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ކަސްޓަމްސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން އާއި ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން މިދިޔަ އަހަރުގެ އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު ކަސްޓަމްސް ގޮތަށް ފުލުހުންވެސް އިތުރަށް މިމައްސަލައިގައި ތަފްސީލެއް ނުދިނެވެ.
ކަސްޓަމްސްގެ 20 އަކަށް އޮފިސަރުންގެ ބައިވެރިވުން އޮތް ކަމަށް ބުނާ މިމައްސަލައިގައި އެންމެ އިސްކޮށް ތިބި ތިން އޮފިސަރުންގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް އަވަސްއަށް އެނގިފައިވެ އެވެ.
މިމައްސަލައާއި ގުޅިގެން ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ކަސްޓަމްސް އަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް އަބަދުވެސް ތުހުމަތު އޮންނަ އެއް މުއައްސަސާ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ޔުނީފޯމު އެޅި މުއައްސަސާތަކުގެ މުވައްޒަފުން ހިންގާ ކުށްތަކަށް ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން މީގެކުރިން ދެެއްވާފަ އެވެ.