މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންތަކެއް ރިޝްވަތުގެ ގޮތުގައި 400 މިލިއަނެއްހާ ރުފިޔާ ނަގާފައިވާ ކަމަށް ބުނާ މައްސަލައެއް ކަމާ ގުޅޭ އިދާރާތަކުން ތަހުގީގުކުރަން ފަށައިފި އެވެ.
ތަހުގީގު ހިނގަމުންދާތީ ކަސްޓަމްސް މިމައްސަލައިގައި ވާހަަކައެއް ނުދެއްކި އެވެ.
ފުލުހުން މިއަދު ބުނީ ކަސްޓަމްސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން އާއި ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން މިދިޔަ އަހަރުގެ އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު ފުލުހުންވެސް އިތުރަށް މިމައްސަލައިގައި ތަފްސީލެއް ނުދިނެވެ.
ކަސްޓަމްސްގެ 20 އަކަށް އޮފިސަރުންގެ ބައިވެރިވުން އޮތް ކަމަށް ބުނާ މިމައްސަލައިގައި އެންމެ އިސްކޮށް ތިބި ތިން އޮފިސަރުންގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް އަވަސްއަށް އެނގިފައިވެ އެވެ.
މިމައްސަލައާއި ގުޅިގެން ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ކަސްޓަމްސް އަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް އަބަދުވެސް ތުހުމަތު އޮންނަ އެއް މުއައްސަސާ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ޔުނީފޯމު އެޅި މުއައްސަސާތަކުގެ މުވައްޒަފުން ހިންގާ ކުށްތަކަށް ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން މީގެކުރިން ދެެއްވާފަ އެވެ.