އަބްދުﷲ ސިނާން

މިއަދު އަނެއްކާވެސް ސިނާން ކޯޓަށް ހާޒިރު ކުރަނީ

Mar 20, 2018

ހައްޔަރުކޮށްފައި ހުންނެވި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން މިއަދު އަނެއްކާވެސް ކޯޓަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ސިނާން މިއަދު ކޯޓަށް ހާޒިރު ކުރަނީ ހަވީރު 4:30 ގައެވެ.

ސިނާން ވަނީ އިއްޔެވެސް ކޯޓަށް ހާޒިރުކޮށްފަ އެވެ. މިއަދު އަލުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރާއިރު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އާ ތުހުމަތުތަކެއްކޮށްފައި ވެސް ވެއެވެ. ސިނާނަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ދައުލަތަށް ނޭދެވޭ ނުފޫޒެއް ފޯރުވުމާއި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރުވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ތުހުމަތެވެ. މި ތުހުމަތުތައް ކޮށްފައިވަނީ ސިނާން ހައްޔަރުކުރިތާ 35 ދުވަސް ފަހުންނެވެ. ސިނާން ހައްޔަރުކުރީ ފެބުރުއަރީ މަހުގެ އަށްވަނަ ދުވަހު އެވެ.

އެކަން ސިނާނަށް އަންގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ވަކީލުން ނެތީސް އެ ދުވަހު ހަވީރު ސިނާން ވަނީ ގޮޅިން ނެރެފަ އެވެ. އާ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމަށް އެ ދުވަހު ހަވީރު އިންޓަވިއުއެއް އޮންނާނެކަން ވަކީލުންނަށް އެންގީ ގަޑި ކައިރިވެފައިވަނިކޮށެވެ. އެހެންވެ އެކަން އޭގެ އަނެއް ދުވަހަށް ފަސްކޮށްދިނުމަށް ވަކީލުން އެދުނެވެ.

ނަމަވެސް އެ ރޭ ސިނާނަށް ވަނީ އެ ތުހުމަތުތައް ކިޔައިދީ، ތަހުގީގުގައި ސުވާލުކުރުމުގެ ކުރިން ދޭ ގާނޫނީ އިންޒާރު ދީފަ އެވެ. އެއީ އޭނާގެ ވަކީލުންގެ ހާޒިރެއްގަ ނޫނެވެ. ވަކީލުންނަށް ގުޅުމަށް ފޯނު ކޯލެއް ވެސް ނުދެ އެވެ. ސިނާނަށް ދީފައިވާ ގާނޫނީ އިންޒާރުގެ ފޯމްގައިވާ ގޮތުން އޭނާގެ މައްޗަށް ގާނޫނީ އުގޫބާތުގެ ދަށުން ފަސް ތުހުމަތެއް ކުރެ އެވެ. އެއީ ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމާއި ވޯޓު ދޭން ހުރި މީހަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުމާއި ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.

މި ތުހުމަތުތަކާއެކު ސިނާން ރާއްޖެ ވަޑައިގަތުމާއެކު ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ދޫކޮށްލި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރީ އޭގެ ފަހުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން މިދިޔަ މަހުގެ އަށްވަނަ ދުވަހު ހައްޔަރުކުރި އޭނާއަށް އެ ކުރަނީ އެ ތުހުމަތުތައް އެކަންޏެވެ. ނަމަވެސް މިހާރު ޓެރަރިޒަމްގެ ގާނޫނުގެ ތިން މާއްދާއެއްގެ ދަށުން އާ ތިން ތުހުމަތެއް ވަނީ ކޮށްފަ އެވެ. އެ ތުހުމަތުތައް ކޮށްފައިވާކަން ސިނާނަށް އެންގީ ބަންދު ޖެހުމަށް ކޯޓަށް ގެނައުމުގެ އެއް ދުވަސް ކުރިންނެވެ. އިއްޔެ ސިނާންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވަނީ ވެސް އެ ތުހުމަތުތައް ވެސް ސިނާނަށް ފުލުހުން ކުރާތީ އެވެ. ބަންދު ޖަހާފައިވަނީ ވެސް ވަކީލެއްގެ ހާޒިރެއްގައެއް ނޫނެވެ.