ހަބަރު

ސިނާންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

May 22, 2018

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. ސިނާންގެ ޝަރީއަތް ތާވަލްކޮށްފައި އޮތީ، މިއަދު މެންދުރު 1:00 އަށެވެ.

ޝަރީއަތް ކެންސަލްވި ސަބަބެއް ނާނގާ ހަމައެކަނި ކޯޓުން ބުނީ އެ ޝަރީއަތް މިހާރު ކެންސަލްވެފައިވާ ކަމަށެވެ. މައުމޫންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ވެސް މިއަދު މެންދުރު 1:00 ގައި ކޯޓްގައި ބޭއްވުމަށް ވަނީ މިހާރު ޝެޑިއުލްކޮށްފަ އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސިނާން ދައުވާއަށް އިންކާރު ކުރައްވާތީ، އެ ދައުވާ ސާބިތު ކުރުމަށް 32 ހެއްކެއް ދައުލަތުން ޝަރީއަތަށް ހުށަހެޅި އެވެ. އޭގެ ތެރެއިން 16 ހެއްކެއް ހުށަހެޅީ ސިއްރު ކުރާ ގޮތަށެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ސިއްރުން ދީފައިވާ ބަޔާންތައް ވަނީ ލީކްވެސްވެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ސިނާންއަށް ފައިސާތަކެއް ގެންގޮސް ދިންކަމަށް ބުނާ ހެކިވެރިއަކު ވަނީ އޭނާގެ ބަޔާން އަނބުރާ ގެންގޮސް ހެކި ދޭން ބޭނުން ނުވާ ކަމަށް މިހާރު ކޯޓަށް އަންގައިފަ އެވެ.

ސިނާންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، އަބްދުﷲ ސިނާން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައިވާތީ ވެސް ސިނާންއަށް ޓެރަރިޒަމްގެ ދައުވާ ކުރާ ކަމަށެވެ.

ސިނާން ހައްޔަރުކޮށްފައި ހުރީ ޝަރީއަތް ނިމެންދެން އެވެ.