ހަބަރު

ސިނާންގެ ބަންދު އިތުރުކުރަން މާދަމާ ކޯޓަށް ގެންދަނީ

Mar 31, 2018
1

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާދަމާ ކުރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ. އޭނާ މާދަމާ ކޯޓަށް ގެންދާނީ 13:30 އަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން ހައްޔަރުކުރުމަށްފަހު އެ ހާލަތު ނިމެން ކައިރިވުމުން ސިނާންގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖެހި އެވެ. މިހާރު އޭނާ ބަންދުގައި ހުންނެވީ އެ 15 ދުވަހުގެ އަމުރުގެ ދަށުންނެވެ. މާދަމާ ކޯޓަށް ހާޒިރުކުރަނީ ބަންދު އިތުރުކުރުމަށެވެ. އޭނާގެ ބަންދުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ސިނާންގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރަން ނިންމުމަށްފަހު ބަންދު މަޖިލިސް ވަނީ ކެންސަލްކޮށްފަ އެވެ. މީގެ ކުރިން ވެސް ސިނާންގެ ބަންދުގެ މަޖިލީހެއް ކެންސަލްކޮށްފައި ވެއެވެ

ސިނާންއަށް ދައުވާ ކުރަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ސިނާންއާ ގުޅޭ ގޮތުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ މަގްސަދު ހާސިލްކުރުމަށްޓަކައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ވަކި މައްސަލަތަކުގައި ވަކި ކަހަލަ ނިންމުންތަކެއް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމުގެ މައްޗަށް ހެކި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމާއި ބައެއް މެންބަރުން ރިޝްވަތުގެ ފައިސާއާ ހަވާލުވެފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

މި މައްސަލާގައި ސިނާންގެ އިތުރުން އެހެން ތިން މެންބަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އެއީ އަބްދުﷲ ރިޔާޒާއި ފާރިސް މައުމޫނާއި އިލްހާމް އަހުމަދަށެވެ.

ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވާއިރު އޭނާއަށް ޓެރަރިޒަމްގެ ތުހުމަތުކުރާކަން ފުލުހުން އެންގީ ހައްޔަރުކޮށްފައި ހުންނަވާތާ 35 ދުވަސް ފަހުން އެވެ. ސިނާން ހައްޔަރުކުރީ ފެބުރުއަރީ މަހުގެ އަށްވަނަ ދުވަހު އެވެ. ޓެރަރިޒަމްގެ ތުހުމަތުކުރާކަން އެންގީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ އޭނާގެ ބަންދު އިތުރުކުރުމަށް ގެނައުމުގެ އެއް ދުވަސް ކުރިންނެވެ.

ސިނާން ހައްޔަރުކުރިއިރު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތެއް ނުކުރެ އެވެ. އޭރު ކުރީ ގާނޫނީ އުގޫބާތުގެ ދަށުން ފަސް ތުހުމަތެކެވެ. އެއީ ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމާއި ވޯޓު ދޭން ހުރި މީހަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުމާއި ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.

މި ތުހުމަތުތަކާއެކު ސިނާން ރާއްޖެ ވަޑައިގަތުމާއެކު ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ދޫކޮށްލި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރީ އޭގެ ފަހުންނެވެ.