ހަބަރު

މެންބަރު ސިނާންގެ ޝަރީއަތް މިއަދު ފަށަނީ

Apr 26, 2018

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް މިއަދު ފެށުމަށް ތާވަލުކޮށްފި އެވެ.

ސިނާންގެ ވަކީލުން ވިދާޅުވީ، އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓްގައި ތާވަލް ކޮށްފައި އޮތީ މިއަދު 3:00 ގައި ކަމަށެވެ. އަދި އެއީ އެ މައްސަލަ ފެށުމުގެ ގޮތުން ބާއްވާ އިބްތިދާއީ އަޑުއެހުމެއް ކަމަށް ވެސް އޭނާގެ ވަކީލުން ވިދާޅުވި އެވެ.

މި މަހުގެ އެއްވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ސިނާން ޖަލުގައި ބަންދު ކުރަން އަމުރުކޮށްފަ އެވެ.

ސިނާންއަށް ދައުވާ ކުރަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ސިނާންއާ ގުޅޭ ގޮތުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ މަގްސަދު ހާސިލްކުރުމަށްޓަކައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ވަކި މައްސަލަތަކުގައި ވަކި ކަހަލަ ނިންމުންތަކެއް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމުގެ މައްޗަށް ހެކި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމާއި ބައެއް މެންބަރުން ރިޝްވަތުގެ ފައިސާއާ ހަވާލުވެފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ޕީޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސިނާންގެ ބަންދުގެ މުއްދަތު ޖެހި ދުވަހު އޭނާގެ ވަކީލުން މީޑިއާގައި ވިދާޅުވެފައި ވަނީ ސިނާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފާ ގުޅިގެން ފުލުހުންގެ ބައެއް ޑިއުޓީ ތަކަށް ބަދަލު ގެންނަން ސިނާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސިނާން ލިޔުއްވި އަމުރެއް ކަމަށް ދޭހަވާ ގޮތަށް ދައުލަތުން ޝަރީއަތުގައި ވާހަކަ ދައްކާފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް އެ ކަންކަމަކީ ތަހުގީގުގައި ސިނާންއާ ސުވާލުކޮށްފައި ނުވާ ކަންކަން ކަމަށް ވެސް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލާގައި ސިނާންގެ އިތުރުން އެހެން ތިން މެންބަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އެއީ އަބްދުﷲ ރިޔާޒާއި ފާރިސް މައުމޫނާއި އިލްހާމް އަހުމަދަށެވެ. އިލްހާމްގެ ޝަރީއަތް އިއްޔެ ވަނީ ކްރިމިނަލް ކޯޓްގައި ފަށައިފަ އެވެ.